ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކޮށްފައިވާކަން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އިއުލާނުކުރައްވައިފިއެވެ.
މިކަން އިއުލާން ކުރައްވާ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމުގެ ގޮތުން މިއަދު ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ ބޮޑު ކުރި ނަމަވެސް މި މަސައްކަތް ނިމޭއިރު އެންމެހާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ގެނައި މި ބަދަލަކީ، ޤައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް ކަމަށާއި އަދި މިއީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިންނަށް އެކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއްކަމަށެވެ. އަދި މި ބަދަލާއެކު މިހާތަނަށް އިތުރު ގަޑީގެ ފައިސާއާއެކީގައި ލިބޭ ވަރަށް ވުރެ ބޮޑު މިންވަރެއް، ހަމައެކަނި މުސާރައާއި ޢިނާޔަތްތަކުންވެސް ލިބޭނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ
ޓީޗަރުންގެ މުސާރައަށް ގެނައި މި މި ބަދަލަކީ ރަށްރަށުގެ ސްކޫލްތަކަށް ފެންވަރު ރަނގަޅު ޕްރިންސިޕަލުން ލިބެން ނެތުމުގެ މައްސަލައަށް ޙައްލު ހޯދުމުގައި ވެސް އިތުރު ބާރަކަށް ވެގެންދާނެ. އަދި ޓީޗަރުކަމުގެ ފަންނުން އިތުރަށް ކުރިޔަށްދެވޭނެ މަގުދައްކައިދޭނެ ބަދަލެއް
ރައީސުލް ޖުމްހޫރިއްޔާ
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ދިރާސާކުރަމުން އަންނަކަމަށެވެ. އަދި މިފަދަ ބަދަލުތައް ގެނައުމުގެ އެންމެ މުހިންމު ބޭނުމަކީ، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދިނުންކަމުގައި އެމަނިކުފާނި ވިދާޅުވިއެވެ.









