ރައްޖޭގެ އެކި ސަރަހައްދު ތަކުން ފެންނަންހުރި ބުދު ދީނަތަކުގެ އާސާރުތައް އާބާތުރަ ފިލުވުމަށް އިންޑިއާއިން އުލޭކަމަށް ބުނެ ފަތުރަމުން އަންނަނީ ދޮގު ޚަބަރެއްކަމަށް ރާއްޖޭގެ ތާރީޚާއި ސަގާފަތާއިބެހޭ ގައުމީ އިދާރާ(ނޭޝަނަލް ސެންޓަފޮރ ކަލްޝަރަލް ހެރިޓޭޖުން) ބުނެފިއެވެ.
މިކަން ދޮގު ކުރައްވާ އެ އިދާރާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިފަދަ ދޮގު ހަބަރުތަކަކީ ދިވެހިންގެ ދީނީ އެއްބައިވަންތަކަމާއި މުޖްތަމަޢުގެ ހަމަޖެހުން ގެއްލި، ދިވެހިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެދި ބައިބައިވުންތަކަށް މަގުފަހިވާނެ އަމަލެއްކަމަށެވެ. އަދި ދިވެހިންގެ ދީނީ ލޯތްބާއި ދީނަށްޓަކައި އޮންނަ ގުރުބާނީގެ ރޫޙް ނަހަމަ ގޮތުގައި ބޭނުންކޮށް، ސިޔާސީ ބޭނުމުގައި ހިންގާ މިފަދަ އަމަލުތައް ކުއްވެރިކޮށް، ހުއްޓާލުމަށް ގޮވާލާ ލަމަށެވެ.
މި ބަޔާނުގައި އިންޑިއާ ގެ މާލީ އެހީތެރިކަމާއިއެކު ރާއްޖޭގެ ސަގާފީތަރިކަ ހިމާޔަތް ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލްވެސް ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން، ތ. ދިޔަމިގިލީ ގަނޑުވަރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ އިތުރުން ނ. ލަންދޫ މާބަދިގެ(ހަތްކަ) ނުވަތަ މާ ބުދުގެ ސަރަހައްދުގައި ދާރުލް އާސާރަކާއިއެކު ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތެވެ.
ހެރިޓޭޖުން އިތުރަށް ބުނީ މީގެ ކުރިން ވެސް މި ބާވަތުގެ ކަންކަން އިންޑިއާގެ އެހީތެރި ކަމާއިއެކު ކުރެވިފައިވާކަމަށެވެ. މި ގޮތުން 1987 ން 1988 ށް ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ ބޮޑު މަޝްރޫޢުއެއް ހިންގާފައިވާކަމަށެވެ. މީގެ އިތުރުންވެސް ޖަޕާންގެ ކިއޯޓޯ ޔުނިވާސިޓީ އާއި ގުޅިގެން އާކޭޑީއާ ފަނޑުގެ އެހީގައިރާއްޖޭގެ މާއްދީ ސަގާފީ ތަރިކަ ޒަމާނީ ފެންވަރަށް ކިތާބުކޮށް 3ޑީ ސްކޭންކޮށް އާސާރީ ސަރަހައްދުތައް ޖިއޯޓެގް ކުރުމުގެ މަސައްކަތްވެސް ކުރިޔަށް ދާކަމަށެވެ.









