ގެއްލިގެން ހޯދަމުން ދިޔަ މުހައްމަދު ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ހުއްޓާލައިފިއެވެ.
އެމްއެންޑިއެފުން މިރޭ ބުނެފައިވަނީ މެއި 2 ވަނަ ދުވަހު ފުވައްމުލަކު ބޭރުން ޑައިވްކުރަނިކޮށް ގެއްލުނު މުޙައްމަދު ސަޢީދު ހޯދުމަށް ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން އެމްއެންޑީއެފް ކޯސްޓްގާޑުން މެދުކަނޑާލައިފިވާކަމަށެވެ.
ސިފައިން އިތުރަށް ބުނެފައިވަނީ އޭނާ ހޯދުމަށް ކޯސްޓްގާޑުގެ ސިފައިން ހަތް ދުވަހުގެ ތެރޭގައި، ވައިގެ މަގުން 2960 ސްކެއަރ މޭލު، ކަނޑުގެ މަގުން (ސާރފޭސް ސަރޗު) 760 ސްކެއަރ މޭލު އަދި ކަނޑުގެ އަޑިން 1000 މީޓަރުގެ (ފުންމިން 85 މީޓަރު) ސަރަހައްދެއް ބަލާފައިވާކަމަށެވެ.
ސައީދު ހޯދުމަށް ސިފައިންގެ އިތުރޔން ފުވައްމުލަކު ސިޓީގެ ޑައިވަރުންވެސް ވަނީ މަސައްކަތް ކޮށްފައެވެ. އެ މަސައްކަތުގެ ތެރޭގައި އެސަރަހައްދުން ސައީދު މަސް ހިފަން ގެންގުޅުނު އާލަތް ކަމަށް ބެލެވޭ އެއްޗެއް ފެނުމުގެ އިތުރުން އެއްވެސް ހިލަމެއް ނުވިއެވެ.
އުމުރުން 35 އަހަރުގެ ސައީދު ގެއްލުނީ ޑައިވިނަށް ގޮސް އޫޅުމުގެ ތެރޭގައެވެ. އޭނާ އަކީ ރަށުގެ ޑައިވިން އިންސްޓްރަކްޓަރެއްގެ އިތުރުން ފުވައްމުލަކުގައި އަމިއްލަ ޑައިވިން ސެންޓަރެއް ހިންގާ މީހެކެވެ.








