ޓީޗަރުންގެ މުސާރަ ބޮޑު ކުރުމާއި ގުޅިގެން އެހެން ދާއިރާތަކުންވެސް މުސާރަ ބޮޑުކޮށްދިނުމަށް ޑިމާޑުތައް އިތުރުވާން ފެށުމުން، ހުރިހާ ދާއިރާއެއްގެ ވެސް މުސާރަ ބޮޑުކޮށް ދޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިމަހުގެ އެއްވަނަ ދުވަހު ސަރުކާރުން ވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައެވެ. އެގޮތުން މި އުސޫލުގެ ދަށުން ގިނަ ޓީޗަރުންނަށް ވިހިހާސް ވަރު ޖެހޭނެކަމަށް ލަފާކުރެވެއެވެ. އެއާއި އެކު އެހެން ދާރާތަކުގެ މުސާރަވެސް ބޮޑުކޮށްދިނުމަށް އެދި އެދާއިރާތަކުން އަޑުތައް އުފުލަންފެށިއެވެ. އަދި ސިއްހީދާއިރާ އާއި ތައުލީމީދާއިރާގެ ތެރެއިން ކޮލެޖް ޔުނިވާސިޓީތަކުގެ ލެކްޗަރާއިން ވަނީ އެބައިމީހުންނަށްވެސް ހަމަހަމަ އުސޫލުން ކަންކަން ކޮށްދީ، މުސާރައަށް އެކަށީގެންވާ ހެޔޮ ބަދަލު ގެނެސްދިނުމަށް އެދި، ސަރުކާރަށް ޑިމާޑު ކުރަން ފަށާފައެވެ. އެގޮތުން އާދިއްތަ ދުވަހު އެމްއެންޔޫގައި މަސައްކަތް ކުރާ ލެކްޗަރާއިންނާއި އިދާރީ މުވައްޒަފުން ވަނީ އިހްތިޖާޖް ކޮށްފައެވެ.
މި އިހްތިޖާޖާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް އަމަލުކުރަން ފެށުމުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށެވެ.
ލެކްޗަރާއިން ވެސް އާ ފްރޭމްވޯކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ދާދި ފަހުން ފިނޭންސް މިނިސްޓަރު ވިދާޅުވިކަން ވެސް އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
ޓީޗަރުންގެ މުސާރަ ބޮޑު ކުރިކަން އިއުލާން ކުރެއވި ދުވަހު ރައީސުލް ޖުމްހޫރިއްޔާ ވެސް ވަނީ ހުރިހާ ދާއިރާއެއްގެ މީހުންގެ މުސާރަވެސް ބޮޑުވެގެން އަންނާނެކަމަށް ވިދާޅުވެފައެވެ.









