މާޅޮސްމަޑުލު އުތުރުބުރި (ރ.އަތޮޅު) އަލިފުށި ބިންހިއްކުމާއި ރ.އަތޮޅުގައި ޤާއިމްކުރާ ދެވަނަ އެއާޕޯޓް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވައިފި އެވެ.
މިކަމަށްޓަކައި ރ.އަތޮޅު އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާޙް ކޮށްދެއްވީ، އަލިފުށީ ދާއިރާގެ މަޖިލީސްގެ މެމްބަރު، މުހައްމަދު ރަޝީދު ހުސައިން އެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އަލިފުށީ ކައުންސިލްގެ ރައީސް، އާދަމް އިމްރާންގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އަލިފުށީ އެއާޕޯޓާއި ގުޅޭގޮތުން އެމްޓީސީސީއިން މައުލޫމާތު ހިއްސާ ކުރެއްވި ގޮތުގައި އަލިފުށީ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށޭނީ އެރަށުގެ ބިން ހިއްކާ ނިމުމުން ނެވެ.
އަލިފުށީގައި އެއާޕޯޓް ތަރައްގީ ކުރުމާއި، ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 50.5 ހެކްޓަރުގެ ބިން ހިއްކުމާއި، 2871 މީޓަރު ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމާއި، 480 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 665 މީޓަރު ސަރަހައްދެއްގައި ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީއިން ހާމަކުރައްވައެވެ.
މީގެ އިތުރުން ރަންވޭ އަކާއި، އޭޕްރަންއަކާއި، ޓެކްސީވޭއަކާއި، ފަޔާ ޕެޑުގެ އިތުރުން މަގު ހެދުމަށް މި މަޝްރޫއުގެ ދަށުން ވަނީ ހަމަޖެހިފަ އެވެ. އަދި އެއާފޯލްޑް ލައިޓިން ސިސްޓަމް ހަރުކުރުމާއި، ބައްތި ހަރުކުރުމާއި، އަލިފާން ނިއްވާ އިކުއިޕްމަންޓު ހަރުކުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަކީ، 451.61 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.









