Search Streamline Icon: https://streamlinehq.com

ރައީސް ނަޝީދާއި އެކު މަސައްކަތްކުރުމުގެ ފުރުޞަތެއް ނެތް: ރައީސް ޔާމިން

Raees Yaameen

ރައީސް މުޙައްމަދު ނަޝީދުއާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާއި ދެބޭފުޅުންގެ މެދުގައި ހުރި ވިސްނުމާއި ފިކުރުގެ ތަފާތުތަކަށް ބަލާއިރު، ރައީސް ނަޝީދުއާއި އެކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އޮތްކަމަށް ޤަބޫލު ފުޅު ނުކުރައްވާކަމަށް ރައީސް ޔާމިން ވިދާޅު ވެއްޖެއެވެ. ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިމިވަނީ، ގިނަ ދުވަސްތަކަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދުއާއި އެއްބަސްވެވޭ ހަމައެކަނި ކަމަކަށް އޮތީ ރާއްޖޭގައި އޮންނަން ޖެހޭނީ ބަރުލަމާނީ ނިޒާމެއް ކަމުގައި ޤަބޫލުފުޅުކުރެއްވުން ކަމުގައެވެ.

ރައީސް ޔާމީން ވިދާޅުވީ އަބަދުވެސް ތާޤީދު ކުރައްވަނީ ބަރުލަމާނީ ނިޒާމަކަށް ކަމަށާއި، ނަމަވެސް ރާއްޖެ ފަދަ ޤައުމެއްގައި، މެމްބަރުން ޕާޓީ ބަދަލުކުރުން ރެގިއުލޭޓް ކުރެވޭނެ ގޮތެއް ނެތް ތަނެއްގައި، ބަރުލަމާނީ ނިޒާމުން ހަމަޖެހުމެއް ނާންނާނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ.

ރައީސް ޔާމީން މިމޭރުމުން ވާހަކަފުޅު ދެއްކަވާފައިމިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް މުޙައްމަދު ނަޝީދު ޤަރާރެއް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނަކީ އަމިއްލަ ޚިޔާލުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ރާއްޖޭގެ މި މުޖުތަމައުއަށް އެ ނިޒާމު އެންމެ ރަނގަޅު ނުވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީގެ ތެރެއިން ލިބޭ އާންމު ޙައްޤުތައް ރައްޔިތުންނަށް ލިބިދޭން ޖެހޭ ކަމަށް އެމަނިކުފާނުވެސް ޤަބޫލުފުޅުކުރައްވާ ކަަމުގައެވެ.

ރައީސް ޔާމީން ފާހަގަކުރެއްވީ، މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމާއި، ނޫސްވެރިންގެ މިނިވަންކަމުގެ ޙައްޤު ފަދަ ކަންކަމުގެ ވާހަކައެވެ. ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީދާ އެމަނިކުފާނުގެ ޚިޔާލު، މިފަދަ ކަންކަމުގައި އެއްގޮތް ވިޔަސް، ދީނާ ގުޅުންހުރި ބޮޑެތި މަައްސަލަތަކުގައި އެ ދެބޭފުޅުންގެ ފިކުރު ވަރަށް ތަފާތު ކަމުގަ އެވެ.

ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް ނަޝީދު ޤަރާރެއް ހުށަހަޅުއްވާފައިވަނިކޮށް، ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ މޭރުމަކުން ރައީސް ޔާމީން ވާހަކަފުޅު ދެއްކެވުމުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީދާއިއެކު ސިޔާސީ ގޮތުން މަސައްކަތް ކުރުމަކީ، ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމުގައެވެ. އަދި ޕީޕީއެމްގެ ކައުންސިލުން ވެސް ރައީސް ނަޝީދު އަދި އެހެން ބަޔަކާއެކު ވެސް ކޯލިޝަން ހަދަން ނިންމާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *