ޢަދުލުވެރިކަން ގާއިމު ކުރުމުގެ މަރުހަލާގެ އެންމެ ފުރަތަމަ ޒިންމާ އަދާކުރަންޖެހޭ ބަޔަކީ އެ މުޖުތަމައެއްގައި ތިބޭ ފުލުހުން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ބޭއްވި، މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އަދުލުވެރިކަމާއި އިންސާފާއި ހަމަހަމަކަމާއި ރައްކާތެރިކަން ގެއްލޭ ކޮންމެ މުޖުތަމައަކީ ވީރާނާވެ ފަނާވެ ހަލާކުވުމުގެ މުޖުތަމައެއް ކަމުގައި ވެގެންދާކަމަށާއި، މި މަސައްކަތް އިންސާނުންގެ ތެރެއިން ފެށުނީއްސުރެ ކުރާބަޔަކު ކޮންމެ މުޖުތަމައެއްގައިވެސް ދިރިއުޅެމުންދާކަމުގައެވެ.
އިންސާނުންގެ މުޖުތަމައުތައް ހިންގުމުގެ ނިޒާމުތަކަށް އަންނަމުން ދިޔަ ބަދަލުތަކުގެ ތެރެއިން މިއަދުގެ ދުނިޔޭގައި މި މަސައްކަތްކުރުމުގެ މަރުހަލާތަކާއި ނިޒާމުތައް ބެހިގެން ދިޔައިރު އެ މަސައްކަތް އެންމެ ބޮޑަށް އެ ބައެއްގެ ބޮލުގައި އެޅިފައިވާ ނުވަތަ މި މަރުހަލާގެ އަދުލުވެރިކަން ގާއިމު ކުރުމުގެ މަރުހަލާގެ އެންމެ ފުރަތަމަ ޒިންމާ އަދާކުރަންޖެހޭ ބަޔަކީ އެ މުޖުތަމައެއްގައި ތިބޭ ފުލުހުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި މުޖުތަމައުގެ އަދުލުވެރިކަމާއި، އަމަންއަމާންކަމާއި، ރައްކާތެރިކަން މި މުޅި މުޖުތަމައަށް ކަށަވަރުކޮށްދިނުމުގެ އެންމެ ފުރަތަމަ ސަފަކީ ފުލުހުންގެ ސަފުކަމަށާއި، މި ސަފުގައި ތިބޭ ކޮންމެ ފަރާތެއްވެސް އެ އަދާކޮށްދެނީ މުޖުތަމައަށްޓަކައި ވަރަށް ބޮޑު ޒިންމާއެއްކަމަށް ވިދާޅުވިއެވެ. އަދި އެ އަދާކޮށްދެނީ މުޅި މުޖުތަމައުގެ ހުރިހާ ފަރުދުންގެ ޒިންމާކަމަށާއި އެ ޒިންމާއަށް ރައްކާތެރިވުމަކީ ހެޔޮ މުޖުތަމައެއްގެ ގޮތުގައި ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓާރ ވިދާޅުވީ ފުލުހުންގެ ތެރެއިން ކުރެވޭ މަސައްކަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ހަރުދަނާކޮށް ކުރިއަރުވައި ޚިދުމަތް ރަނގަޅުކުރުމަކީ ފުލުހުންގެ އެތެރެއިން ކުރަންޖެހޭ ކަމެއް ކަމުގައެވެ. އަދި ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ބަލައިގަނެ އެ ޚިދުމަތަށް އިހުތިރާމާއި ލޯބިކޮށް ގަދަރުކުރުމަކީ އެ މުޖުތަމައުގެ އަފުރާދުންގެ ޒިންމާއެއް ކަމަށާއި މިހުރިހާ ދިމާއަކުން މިކަން ފުރިހަމަ ނުވާކަމަށް ވާނަމަ އެ މުޖުތަމައެއްގެ ތެރޭގައި އޮންނަންޖެހޭ އަމަންއަމާންކަމާއި ރައްކާތެރިކަމާއި ސުލްހަވެރިކަމުގެ ސިފަތައް ފުރިހަމަނުވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދައުލަތުގެ މުއައްސަސާއަށް، ރައްޔިތުންގެ މުއައްސަސާއަށް، ރައްޔިތުންގެ ކަރާމާތަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް ޚިދުމަތް ކުރުމުގައި 25 އަހަރު ދެމިތިބުމަކީ ވަރަށް ބޮޑުކަމެއް ކަމަށާއި، އެއީ ގައުމެއްގެ ހަޔާތުގައި ހަތަރު ޖީލުގެ މަސައްކަތްކަމުގައެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި މި ޚިދުމަތް މިގޮތުގައި ފުރިހަމައަށް އަދާކޮށް އެއް ޖީލުން އަނެއް ޖީލަށް ނަގުލުކޮށް ގެންގޮސްދޭ ކަންކަން ބަލައިގަތުމަކީ އެބައެއްގެ ތެރޭގައި އޮތް ކުރިއެރުމުގެ ތަސައްވަރު ފުރިހަމައަށް ހާމަކޮށްދޭކަމެއްކަމަށް ވިދާޅުވިއެވެ. އަދި ދުނިޔޭގައި ކުރިއަރައިގެންދާ ގައުމުތަކުން ކުރިއަރައިގެންދަނީ މިފަދަ ޚިދުމަތްތައް އެއް ޖީލުން އަނެއް ޖީލަށް ނަގުލުކުރެވޭއިރު އެއް ޖީލަށްވުރެ އަނެއް ޖީލުގެ ޚިދުމަތް ފުރިހަމަ ކުރާނެ މަގުތައް ކޮށައިދީ ދައްކައި ދިނުމުގެ ނަތީޖާއެއްގެ ގޮތުންކަމަށްވެސް ވިދާޅުވިއެވެ.
އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން މި މުޖުތަމައުގައި ގާއިމު ކުރުމަށްޓަކައި އިސްކުރުމަށް ފުލުހުންގެ ބޮލުގައި މި ޒިންމާ އަޅުވާފައި ތިބުމަކުން ނުވާނެކަމާއި، އަނެއްކޮޅުން ފުލުހުން މި ޒިންމާ އެންމެ ހެޔޮގޮތުއި އަދާ ނުކުރުމަކުންވެސް ނުވާނެކަމާއި، ކާބަފައިންގެ ދުވަސްވަރުއޮތް އަމަންއަމާންކަމާއި ރައްކާތެރިކަން އިހުސާސް ކުރުމަށްޓަކައި ވަރަށް ބައިވަރު މަސައްކަތްކުރަންޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ، 1 ސެޕްޓެމްބަރ 2004ގައެވެ.









