ދިވެހި ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ ފަރާތުން މިހާރަށްވުރެވެސް ބޮޑަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، މިއަދު ފާހަގަކުރާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާއި ގުޅިގެން ބޭއްވި، މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، ދިވެހިފުލުހުންގެ ޚިދުމަތް ވަކި މަދަނީ ޚިދުމަތެއްގެ ފެށި ޚިދުމަތް ދެވެމުން އަންނަތާ 18 އަހަރު ފުރިގެން ދިޔައިރު، ދިވެހި ފުލުހުންގެ ޚިދުމަަތަށް އެތައް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވިކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމިއޮންނާނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް އާއި އެއްގޮތަށް ވީހާވެސް ރަނގަޅަށް އަދި ހަމަހަމަގޮތެއްގައި ރައްޔިތުންނަށް ޚިދުމަތްދިނުމަށް ކުރެވޭ މަސައްކަތްތަކެއްގެ މައްޗަށް ކަމުގައެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދިވެހިފުލުހުން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެެވެ.
އެމަނިކުފާނު ވިދާޅުވީ، ޤައުމުގައި ސުލްޙަ މަސަލަސްކަން ޤާއިމްކޮށް ރައްޔިތުންނަށް ރައްކާތެރި ވެއްޓެއް ހޯދައި ދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމުގައެވެ. މިރޮނގުން ވާހަކަފުޅު ކުރިޔަށްގެންދަވައި މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޤައުމު ތަރައްޤީކުރުުމުގައި ހަމަނުޖެހުން ޤާއިމްކޮށް ތަރައްޤީ ގެނެވޭނީ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ކަމުގައެވެ. ރައީސުލްޖުމްހޫެރިއްޔާގެ ނައިބު ވަނީ، އަމަން އަމާންކަން ޤާއިމްކޮށް ދެެމެހެއްޓުމަށް ފުލުހުން ކުރާ މަސައްކަތުގައި، ދިވެހިރައްޔިތުންގެ ފަރާތުން އިތުރު އެއްބާރުލުން ދެއްވުމަށްވެސް އިލްތިމާސްކުރައްވާފައެވެ.
މިޖަލްސާގައި ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންތަކުގެ ފުލުހުންނާއި ޓެކްނިކަލް ޑިރެކްޓަރ މަޤާމުގެ އާއްމު މުވައްޒަފުންނަށް، ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ، 1 ސެޕްޓެމްބަރ 2004ގައެވެ.









