Search Streamline Icon: https://streamlinehq.com

ވިލިމާލެ ފަރަށް ލިބުނު ގެއްލުން ބަލަން ފަށައިފި

Villimale fenvaru online

ތިލަމާލެ ބްރިޖްގެ ޕްލެޓްފޯމް ވިލިމާލެ ފަރުމައްޗަށް ލައްވުމުގެ ސަބަބުން ވިލިމާލެ ފަރަށް ލިބުނު ގެއްލުން ބަލައި ދިރާސާ ކުރުމުގެ މަސައްކަތް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ފަށައިފިއެވެ.

މީޑިއާ އަށް މައުލޫމާތުދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ، ވިލިމާލެ ފަރަށް ލިބުނު ގެއްލުން ދެނެގަތުމުގެ ސަރވޭގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 8:00ގައި ކަމުގައެވެ.

ވިލިމާލެ ފަރުގެ ޙާލަތު ސަރވޭކުރުމުގެ މަސައްކަތް ނިންމާލުމަށް 1 ދުވަސް ނަގާނެކަމަށާއި، 8 މީހުންގެ ޓީމެއް މި މަސައްކަތުގައި ހަރަކާތްތެރިވަމުންދާކަން ފާހަގަކުރައްވައި ނައީމް ވިދާޅުވީ، ވިލިމާލެ ފަރަށް ލިބުނު ގެއްލުން ބެލުމަށްފަހު، ޤަވާޢިދުގެ މަތިން ފިޔަވަޅު އަޅުއްވާނެ ކަމުގައެވެ.

އީޕީއޭއިން މި މަސައްކަތް ފަށާފައިވާއިރު، މި ޕްލެޓްފޯމް ވިލިމާލެ ފަރުމައްޗަށް ލައްވުމުގެސަބަބުން އެ ސަރަހައްދަށް ވެއްޓިފައިވާ ދަގަނޑުތައް ނަގައި އެ ސަރަހައްދު އެއްކޮށް ސާފުކޮށްފައިވާ ކަމަށް، ބްރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޮންސްއިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ އާދިއްތަ ދުވަހު އެ ސަރަހައްދު އެއްކޮށް ސާފުކޮށްފައިވާ ކަމަށާއި، އެ މަސައްކަތް ނުނިމި ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމުގައެވެ. އެ މަސައްކަތް ފެށީ މިދިޔަ މަހުގެ 28ގައި ކަމަށާއި އޭރުވެސް މޫސުން ގޯސްކަމުގައެވެ. ނަމަވެސް ޕްލެޓްފޯމް ފަރަށް އެރި ސަރަހައްދު ސާފުކޮށް ނިންމާފައިވަނީ އެންމެ ރަނގަޅު ވަސީލަތްތައް ބޭނުންކޮށްގެން ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ މަޝްރޫއު ހިންގަމުންއަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިން ބުނީ ޕްލެޓްފޯމް ފުންނުކުރެވި ލަސްވީ މޫސުން ގޯސްވުމުގެ ސަބަބުން ކަމުގައެވެ. އަދި ޕްލެޓްފޯމް ވިލިމާލޭ ފަރަށް ބީހެން ދިމާވީ މޫސުން ގޯސްވެ ވައިގަދަވުމާއި ރާޅު ބޮޑުވުމުގެ ސަބަބުން ކަމަށާއި، އެ ހާދިސާ ހިނގީ އެ ސަރަހައްދުގައި ޕްލެޓްފޯމް އަޅާފައި ބޭއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *