އިދިކޮޅު އެއްމެބޮޑު ކޯލިޝަންގެ މައި ޕާޓީކަމުގައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، ނ. އަތޮޅަށް ދަތުރުފުޅެއް ކުރައްވާގޮތަށް ހަމަޖެހިއްޖެ އެވެ.
އެމަނިކުފާނު ނ.އަތޮޅަށް މި ފައްޓަވާ ދަތުރުފުޅުގައި ކެނދިކުޅުދޫ އާއި މިލަދޫ އާއި މަނަދޫ އާއި ހޮޅުދޫ އަދި މަގޫދުއަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އިދިކޮޅުކޯލިޝނުން ހާމަކުރެއްވިގޮތުގައި، ރައީސް ޔާމީން ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅު ފައްޓަވަން ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ.
އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅުގައި ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަންނަވާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.
އަތޮޅުތަކަށް ރައީސް ޔާމީން ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ނިމިދިޔަ ހަފްތާގައި އެމަނިކުފާނު ވަނީ ހއ. އަތޮޅުގެ އިހަވަންދޫއާއި ދިއްދޫ، އަދި ކެލާގެ އިތުރުން ބާރަށާއި ވަށަފަރަށްވެސް ވޒިޔާރަތްކުރައްވާ އެތައްރަށުގެ ރައްޔިތުންނާއި ބައްދަލްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ޔާމީން ހއ.އަށް ކުރެއްވި މިދަތުރުފުޅުގައި ވަޑައިގެންނެވި ހުރިހައި ރަށަކުންވެސް އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.









