Search Streamline Icon: https://streamlinehq.com

މަރުހޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ކޮންމެ އަހަރަކު ޤުރްއާން މުބާރާތެއް ބާއްވަނީ

Afrasheem ali BW fenvaruonline

ރަޙުމުކުޑަކޮތަކަށް މަރާލާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މަރުހޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އުނގޫފާރު ކައުންސިލުން ޤުރްއާން މުބާރާތެއް ކުރިއަށް ގެންދަވަން ނިންމައިފި އެވެ. މި މުބާރާތް ދާއިމީ ގޮތެއްގައި އަހަރަކު އެއްފަހަރު ބޭއްވުމަށްވެސް އުނގޫފާރު ކައުންސިލުން ވަނީ ނިންމަވާފަ އެވެ.

”ފައިނު އޮންލައިން“ އަށް މަޢޫލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވެފައިވަނީ މަރުޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ޤުރްއާން މުބާރާތެއް ބޭއްވުމަށް ނިންމަވާފައިވާކަމުގައެވެ. އަދި މި މުބާރާތް ބޭއްވުމުގެ މަޤުޞަދަކީ އެމަނިކުފާނަކީ ކީރިތި ޤުރްއާނަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ ވަރަށް ރީތިކޮށް ޤުރްއާން ކިޔަވާ ވިދާޅުވާ ބޭފުޅަކަށް ވާތީއެވެ.

ޢަބްދުﷲ ރަށީދު ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަޢުޞަދުތަކުގެ ތެރޭގައި މަރުޙޫމް ޑރ.އަފްރާޝީމް ޢަލީގެ ޒިކުރާ އާލާކުރުމާއި، އުނގޫފާރުގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނާއި މެދު ލޯބި ޖެއްސުމާއި، ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔަވާ ބަޔަކު އުފެއްދުމަކީ މުހިންމު ކަމެއްކަމުގައި ދެކިލައްވާތީ ކަމުގައެވެ.

އުނގޫފާރު ކައުންސިލުން އިންތިޒާމު ކުރައްވައިގެން އެރަށޫގައި ބޭއްވުމަށް ނިންމަވާފައިވާ މި މުބާރާތް ފައްޓަވަން ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ.

މަރުޙޫމް ޑރ. އަފްރާޝީމް ޢަލީ އަކީ އުނގޫފާރު ރައްޔިތުންގެ އިތުރުން ރާއްޖޭގެ ގިނަބަޔަކު ފަހުރުވެރިވާ ޢިލްމީ ދަންމަރެކެވެ.

މަރުޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ސަރުކާރުން ވަނީ އުނގޫފާރުގައި އިސްލާމީ މަރުކަޒެއް ބިނާކޮށް ދެއްވާފައެވެ.

ރަޙްމުކުޑަ ގޮތަކަށް މަރާލާފައިވާ މަރުހޫމް ޑރ. އަފްރާޝީމް ޢަލީގެ މަރަށް ގިނަ ދުވަސްތަކެއް ވެފައިވާއިރު އަދި މިހާތަނަށް އެމަނިކުފާނުންގެ ޤާތިލުން ވަނީ ކަށަވަރު ނުވެފައެވެ.

ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި، ހެންވޭރު ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުލަތުން ކުރި، ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށްވެސް ކްރިމިނަލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޑރ. އަފްރާޝީމް ޢަލީގެ މަރުގެ މައްސަލަގެ ތުހުމަތުގައި ޢަލީ ޝާންގެ މައްޗަށް ކުށް ސާބިތު ނުވާކަނަށް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ޙުކުމްގައި ބުނެފައިވަނީ ކީރިތި ރަސޫލާގެ ހަދީސުން ސާބިތުވާ ގޮތުގައި ގަސްތުގައި މީހަކު މަރާލުމުގެ ކުށެއް ސާބިތުވާން ޖެހޭނީ އެއްވެސް ޝައްްކެއް ނެތް މިންވަރަށް ކަމަށްވާތީ، އެ ހުރިހާ ހެކިތަކަށްބަލާ އިރު އެ މިންގަނޑަށް ހެކިބަސް ލިބިފައިނުވާތީ އެ މައްސަަލަ ސާބިތު ނުވާކަމުގައެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ 2012 އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *