މި ސަރުކާރުން ކިތަންމެ ކަންބޮޑުވިޔަސް، ދިވެހި ރައްޔިތުން ބޭނުންވާ ބަދަލުތައް އަނެއްކާވެސް ރައީސް ޔާމީން ގެނެސް ދެއްވާނެކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަނުން ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ހީނާ ވިދާޅުވީ ރައީސް ޔާމީން އަތޮޅު ތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކުގައި އެމަނިކުފާނުގެ ޒަޢާމަތުގައި ރައްޔިތުންނަށް ގެނެސްދެއްވި ތަރައްޤީއާއި ކުރިއެރުން ތަކުރާރު ކޮށްދެއްވުމަށް އެދެމުންދާކަމުގަ އެވެ.
ހީނާ ވިދާޅުވީ ތަރައްޤީގައި ދިވެހި ރައްޔިތުން ރައީސް ޔާމީން ނޫން މީހަކަށް އިތުބާރުވެސް ނުކުރައްވާކަމުގަ އެވެ.
ރައީސް ޔާމީންގެ ޒަޢާމަތުގައި ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުރާއްޖެތެރޭގައި އެއްފަހަރާ އެތައް ޕްރޮޖެކްޓެއް ހިންގަވައި، ރާއްޖޭގައި މިއިން ޒަމާނަކުވެސް ފެނިފައިނުވާ މިންވަރަށް ތަރައްޤީގެ އިންގިލާބީ ބަދަލުތަކެއް ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި ރައީސް ޔާމީން ގެނެސް ދެއްވާފައިކަމަށްވެސް ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ މިހާރުވެސް މުޅި ރާއްޖެއިން ފެނިގެންދާ ތަރައްޤީގެ މަންޒަރުތަކަކީ ރައީސް ޔާމީންގެ ދުރުވިސްނުންފުޅާއި، ސިޔާސަތުގެ ތެރެއިން ފެނިގެންދާ ތަރައްޤީގެ މަންޒަރުތައް ކަމުގަ އެވެ.
މިސަރުކާރު އެންމެ ޖެހިލުންވަނީ އެބޭފުޅުން ވެވަޑައިގެންނެވި ވަޢުދުތައް ނުފުއްދި އެކަންކަން ރައްޔިތުންގެފަރާތުން ރައީސް ޔާމީނާއި ޙިއްޞާކުރާތީކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މިސަރުކާރުން އަތޮޅުތެރޭގެ ރަށްރަށަށް ވަރަށް ބޮޑަށް އިހުމާލު ވަމުންދާކަމުގަ އެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށް ވެފައިވާ އެތައް ވައުދެއް ނުފުއްދިފައިވާއިރު އެވަޢުދުތަކުގެ ވާހަކަ ރައްޔިތުން މިއަދު ރައީސް ޔާމީން ރަށްރަށަށް ވަޑައިގަތުމުން ދަންނަވަމުންދާކަމަށްވެސް ހީނާ ވިދާޅުވި އެވެ.









