Search Streamline Icon: https://streamlinehq.com

އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް 04 އަހަރު ޚިދުމަތްކުރެވިއްޖެ- ރައީސް ޞާލިޙް

Raees Solih fenvaruonline

މީގެ 4 އަހަރު ކުރިން ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދެއްވުމުގައި، އެއްވެސް ރައްޔިތަކު ތަފާތުކުރެއްވުމެއްނެތި ކަސިޔާރު ކަމެއް ނެތި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި 4 އަހަރު ހޭދަކުރައްވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ 4 އަހަރު ކުރީގައި އެމަނިކުފާނު ޤައުމުގެ ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު ޤައުމު އޮތް ޙާލަތަށް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން، އެދުވަހު ޤައުމުގައި އޮތީ ހާސްކަމާއި ކަންބޮޑުވުމާއި، ބިރުވެރިކަން ކަމަށާއި، އެ ދުވަހު ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި، ކަށަވަރުކަމެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ސިޔާސީ ލީޑަރުން ތިއްބެވީ ބިރުވެރިކަމުގެ ތެރޭގައި ކަމަށާއި، ރާއްޖެ އޮތީ ބައިނަލްއަޤްވާމީ ދުނިޔެއާއި އެކަހެރިވެފައި ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 4 އަހަރު ކުރިން ރައްޔިތުން ބޭނުންވި އެންމެ ބޮޑު ބަދަލަކީ، އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫޢަކުރުން ކަމަށާއި، ދެފުށްފެންނަ، ޖަވާބުދާރީ ކުރުވެނިވި، ޤާނޫނު އަސާސީގެ ތަރަޙައިގެ މައްޗަށް، ދައުލަތް ބިނާވުން އޭގެތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތަކު ބާކީ ނުވެ، މިނިވަންކަމާއެކު ހެލިފެލިވެ ދިރިއުޅުން އާރާސްތު ކުރެވޭނެ މާޙައުލެއް ޤާއިމްވުމަށްވެސް އެދުވަހު ރައްޔިތުން ބޭނުންވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި 4 އަހަރު ކުރިން އެމަނިކުފާނު ޙަވާލުވެވަޑައިގެންނެވި މަސްއޫލިއްޔަތު ބިނާވަނީ، ވަކި ޚާއްޞަ ބަދަލުތަކެއްގެ މައްޗަށެވެ. އޭގެ ފެށުމަކީ އިދާރީ ގޮތުން ރާއްޖެ ހިނގަމުން މިދާ ލާމަރުކަޒީ ބޮޑު ބަދަލު ގެނައުންކަމުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

އާމްދަނީއާ ވަޒީފާތައް ރައްޔިތުންނާ ގާތްވާނެ ހަމަހަމަ، ހަމަތަކެއް، މި 4 އަހަރުގެތެރޭ ސަރުކާރަށް ހޯދިއްޖެކަމަށާއި، ޖީބަށްލުއި، ބާރުދުވެލީގައި ރަށްތައް ގުޅާލެވޭނެ ދަތުރުފަތުރުގެ ނިޒާމެއް ތަޢާރަފް ކުރެވިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *