ހދ.ވައިކަރަދޫގައި އުމުރުން ދުވަސްވީ މުސްކުޅި އަންހެނަކަށް ޖިންސީ ގޯނާކުރަން އުޅުނުކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ޕޯސްޓެއްގައި ބުނާގޮތުން އުމުރުން 79 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނީ ޒުވާން ފިރިހެނެކެވެ. އެއަންހެންމީހާގެ ފިރިހެން ދަރިއަކު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ މަންމަ ރޭޕްކުރަން އުޅުން މީހާކަމަށް ބުނެ ޒުވާން ފިރިހެނެއްގެ ފޮޓޯއެއްވެސް ޓްވީޓްކޮށްފައެވެ. އަދި އެމީހާ ހޯދުމަށް އެހިތެރިވުމަށް އޭނާ އެދިފައިވެއެވެ.
މިމައްސަލައިގައި ފުލުހުން ވިދާޅުވީ ހދ.ވައިކަރަދޫގައި އުމުރުން ދުވަސްވީ އަންހެނަކަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރިކަމަށް ބުނާ މައްސަލައެއް ނޮވެމްބަރު 11 ވަނަ ދުވަހުގެރޭ 19:00 ހާއިރު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ވައިކަރަދޫ ދޯންޏެއްގައި ލަނޑާގެ މަސްވެރިކަމުގައި އުޅޭ އެހެން ރަށެއްގެ މީހެކެވެ. ދުވަސްވީ އެ އަންހެން މީހާ އުޅެގެއަށް ގޮސް އޭނާ ބަނޑުހައި ވަރަށް ބަނޑުހައި ކަމަށާއި، ކާ އެއްޗެއް ދިނުމަށް އެދުމުން، ރަށުން ބޭރު ބިރައްޓެއްސަކަށް ވުމާއި، އިންސާނިއްޔަތުގެ ގޮތުން ކާން ހެދުމަށްފަހު އެނބުރި ބަލާލިއިރު އެ ޒުވާނާ ހުރީ ބަރަހަނާ ހާލުގައިކަމަށް މަޢުލޫމާތު ލިބެއެވެ.









