Search Streamline Icon: https://streamlinehq.com

އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް އެދިވަޑައިގެންފި

Big 1uhwUqJemLqXKycZ7v8AymH6F

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ ދައުވާ އާރަށުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން އެދިވަޑައިގެންފިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރައީސް ޔާމީން ވ. އާރަށް ކުއްޔަށް ދޫކޮށްގެން މަނީ ލޯންޑާކޮށްފައިވާ ކަމަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ. މިދައުވާގައި ރައީސް ޔާމިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްވެސް ހިމެނެއެވެ.

މި މައްސަލައިގައި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު ޔާމީންގެ މައްޗަށް އުފުލާފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި، އެ ފައިސާ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާއެވެ.

މިމައްސަލައިގައި މިހާރު ކުރިޔަށް ދަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. މިހާރު ކުރިޔަށްދާ އަޑުއެހުމުގައި ޔާމީންގެ ފަރާތުން އެދިފައިވަނީ އަދީބާއި، ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށެވެ.

ޔާމީންގެ ދިފާއީ ވަކީލުން ވިދާޅުވަނީ އަދީބާއި ޒިޔަތަކީ ދެ ފާސިގުން ކަމަށްވާތީ އެދެހެކިންގެ ހެކިބަސް އިސްލާމީ ޝަރީއަތުގައި ހުއްދަވެގެން ނުވާނެ ކަމަށެވެ. އަދި، އެ ދެ ހެކިންގެ ހެކިބަހަށް ބާރުދޭ އިތުރު ހެއްކެއް ހުށަހެޅިފައިނުވާ ހާލަތެއްގައި އެ ދެ މީހުންގެ ހެކިބަސް ބަލައިނުގަތުމަށް މީގެ ކުރިން ނިންމާފައިވާ ނިންމުމާ ހަވާލާދީ އޭނާ ވިދާޅުވީ މި މައްސަލައިގާ އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރުދޭ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

މީގެ އިތުރުން، ޝަރީއަތުގައި ދިން ހެކި ބަހުން ވެސް އެ ދެބޭފުޅުންގެ ހިތުގައި ޔާމީނާއި ދޭތެރޭ އަދާވާތްތެރިކަން އޮތް ކަމާއި، އެއީ އުފައްދައިގެން އުޅޭ ވާހަކަތަކެއްކަން ސާފުވާ ކަމަށް ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ ދެބޭފުޅުން ވެސް ޝަރީއަތުގައި ކުރި ސުވާލުތަކަށް ސީދާ ޖަވާބެއް ނުދީ، ދައްކަން އުޅުނީ ވަކި މަންޒަރެއްކަން ޝަރީއަތަށް ވެސް ސާފުވާނެ ކަމަށެވެ. އެހެންވެ، އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރުދޭ އިތުރު ހެއްކާ ނުލާ އެ ހެކި ބަލައިނުގަތުމަށް ދިފާއުން ވަނީ އެދިފައެވެ.

މި މައްސަލައިގައި މީގެ ކުރިން ޔާމީންގެ މައްޗަށް ކުރި ދައުވާގައި ސުޕްރީމް ކޯޓު މަރުހަލާއިން އެމަނިކުފާނު މިނިވަންވެވަޑައިގަތްއިރު، އެކޯޓުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަންނަން ވެސް ނިންމިއެވެ.

މި މައްސަލައިގައި ހެކިބަހާ ގުޅޭ ގޮތުން ވާހަކަދެއްކުމުގެ މަރުހަލާ މިހާރު ކުރިޔަށްދާއިރު، މިއަހަރު ނިމުމުގެ ކުރިން މި މައްސަލައިގައި ހުކުމާ ހަމައަށް ވާސިލުވުމަށް މަސައްކަތް ކުރައްވާ ކަމަށް ޝަރީއަތުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *