ވޯލްޑްކަޕްގައި ރޭ ސާބިޔާގެ މަށްޗަށް ކުރިހޯދާ ބުރެޒިލުން އެޓީމްގެ ފެށުން ރަގަޅުކޮށްފިއެވެ.
ގަތަރު ލުއިސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ބުރެޒިލުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
މުޅިމެޗުގައިވެސް އެންމެ ގިނައިރު ބޯޅަ ކޮންޓްރޯލް ކޮށްގެން ރީތިކުޅުމެއް ކުޅެފައިވަނީ ބުރެޒިލް އިންނެވެ. ބުރެޒިލް އަށް ގޯލް ޖަހާނެ ރަގަޅު ފުރުސަތު ތަކެއް ފުރަތަމަ ހާފްގައި ވަނީ ލިބި ފައެވެ. އެގޮތުން މެޗްގެ 34 ވަނަ މިނެޓްގައި ބްރެޒިލްގެ ރަފީނިއާ އޭރިއާ ތެރޭގައި ހުސްކޮށްހުރެ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އެ ހަމަލާ ދިފާއުކުރީ ސާބިއާގެ ކީޕަރު މެލިންކޮވިޗް ސެވިޗްއެވެ. ފުރަތަމަ ހާފްގައި ސާބިއާ އަށް ރަގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.
މެޗްގެ ދެވަނަ ހާފް ފަސާއިގެންވެސް ބުރެޒިލުން ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓުގައި ބްރެޒިލްގެ ޑަނީލޯ ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗްގެ ލީޑް ބުރެޒިލް އިން ނެގީ 63 ވަނަ މިނެޓްގައެވެ. އެއީ ނޭމާ ތަނަވަސް ކުރި ފުރުސަތެއްގައި ވިނީޝިއަސް ޖޫނިއަރ ފޮނުވާލި ހަމަލާއެއް، ސާބިއާގެ ކީޕަރު އަތުގައި ޖެހިފައި ނުކުތުމުން، ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރިޗާލިސަން ޖެހި ލަނޑެކެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ބްރެޒިލްއިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކުރިއެވެ. މިއީ ވިނީޝިއުސް ނަގައިދިން ހުރަހަކުން، ރިޗާލިސަން ޖަހައިދިން ހިތްގައިމު ގޯލެކެވެ. ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު މައްޗަށް ބޯޅަ ހިއްލާލައި، ބައިސިކަލް ކިކަކުން ރިޗާލިސަން ޖެހި މި ގޯލަކީ މިއަހަރުގެ ވޯލްޑްކަޕްގައި ޖެހި އެންމެ ހިތްގައިމު މޮޅު ގޯލެވެ.
މި މެޗަގައި ޖުމްލަ 22 ހަމަލާއެއް ބުރެޒިލް އިން ފޮނުވާލާފައިވާއިރު އޭގެތެރެއިން 8 ހަމަލާ އެއްވަނީ ގޯލާ އަމާޒުވާހެން ފޮނުވާލެވިފައެވެ. މުޅި މެޗްގައިވެސް ސާބިއާއަށް ރަގަޅު ނުރައްކާތެރި ހަމަލާއެއް ބުރެޒިލްގެ ގޯލަށް ފޮނުވާލެވިފައެއް ނުވެއެވެ.
ވޯލްޑްކަޕްގައި ބްރެޒިލް ހިމެނެނީ ގުރޫޕް ޖީގައެވެ. މި ގުރޫޕްގައި ބުރެޒިލް އާއި ސާބިއާގެ އިތުރުން ހިމެނެނީ ސްވިޒަލޭންޑާއި ކެމަރޫންއެވެ.









