ރިޔާސީ އިންތިހާބަށް އިލެކްޝަން ކޮމިޝަން ތައްޔާރުވަމުން އަންނަ އިރު އެއްވެސް ބައެއްގެ ދަށުނުވެ މިނިވަންކަމާއިއެކު އިންތިހާބު ބާއްވާދިނުމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު މިހާރު ހުޅުމާލޭ ދާއިރާގެ ކައުންސިލް މެންބަރ އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ 2023 ރިޔާސީ އިންތިހާބަށް އިލެކްޝަން ކޮމިޝަނުން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، ރިސޯޓް ތަކުގައި ވޯޓް ފޮށި ބެހެއްޓުމާއި ގުޅޭގޮތުން، އެ ކޮމިޝަނުން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް އާއި މަޝްވަރާ ކުރެއްވުމާއި ގުޅިގެންނެވެ.
”އީސީ އިން ނުޖެހޭނެ ތިކަމުގެ މަޝްވަރާއަށް އަބްދުﷲ މައުސޫމްގެ ފައިބުޑަށް ދާކަށް. މައުސޫމަށް ޖެހޭނީ ކޮމިޝަނަށް އަންނަން. ތިކަން އަހަރެމެން މިނަގަނީ ގޯސްކޮށް“
ހުޅުމާލެދާއިރާގެ ކައުންސިލް މެންބަރ އިބްރާހިމް ޝުޖާއު
އަންނަ އަހަރު ބޭވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރިސޯޓް ތަކުގައި ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ޓޫރިޒަމް މިނިސްޓްރީއަށް ގޮސްފައެވެ.
ރާއްޖޭގައި ބާއްވާ ކޮންމެ ރިޔާސީ އިންތިހާބަކާއި ގުޅިގެން އިންތިހާބުގެ ސައްޚަ ކަމާއިމެދު ތަފާތު ތުހުމަތުތަކެއް އިލެކްޝަން ކޮމިޝަނަށް އަމާޒުވެއެވެ. އެގޮތުން ޑިމޮކްރަސީ އުފެދި ޕާޓީ ސިސްޓަމް ރާއްޖެއަށް އައުމާގުޅިގެން 2008 ގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގަ އާއި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި ގުޅިގެންވެސް އިލެކްޝަން ކޮމިޝަނަށް ގިނަ ފާޑު ކިއުންތަކެއް އަމާޒުވިއެވެ.









