Search Streamline Icon: https://streamlinehq.com

އުޅަނދު ފަހަރުގެ އަހަރީ ފީ ކައުންސިލްތަކަށް

MotoCycle Laamu Gan fenvaruonline

މީގެ ކުރިން މޯލްޑިވްސް އިންލެންޑު ރިވެނިއު އޮތޯރިޓީ(މީރާ) އަށް ބަލައިގަންނަމުންދިޔަ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީ ފީގެ ގޮތުގައި ދައްކާ ފައިސާ ކައުންސިލްތަކަށް ލިބޭ އުސޫލަށް ޢަމަލުކުރަން ފައްޓަވައިފި އެވެ.   

މީގެ އަހަރުތަކެއްކުރިން އުޅަނދުފަހަރުގެ އަހަރީފީ މީރާއަށް ދައްކަމުން ދިޔަ ނަމަވެސް، ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އެފައިސާ ކައުންސިލްތަކަށް ލިބޭ ގޮތަށް ފިނޭންސް މިނިސްޓްރީން އުސޫލް ބަދަލު ކުރީ ނިމިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ހުސްވި 2022 ވަނަ އަހަރުގެ ޑިސެމްބަރު ފަސް ވަނަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވާ ނެރުއްވި މާލިއްޔަތާ ބެހޭ ސާކިއުލާއެއްގައިވާ ގޮތުން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ  ފުރަތަމަ ދުވަހުން ފެށިގެން އެއްގަމާއި ކަނޑުއުޅަނދުފަހަރުގެ އަހަރީ ފީ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ސިސްޓަމް “ސަވާރީޕޭ” މެދުވެރިކޮށް އެ ފީ ނިސްބަތްވާ ކައުންސިލަކުންނެވެ.

މި ޕޯޓަލް މެދުވެރިކޮށް ވެހިކަލްތަކުގެ ޓުރެފިކް އަދި ޕާކިން ޖޫރިމަނާ ފައިސާއާއި، އެއްގަމާއި ކަނޑު އުޅަނދުތަކުގެ ފީ ވެސް ދެއްކޭނެއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރެއްވިގޮތުގައި 2022ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ބަނޑޭރި ޕޭ އާ ގުޅުވާލާފައިވާ ކައުންސިލްތަކުގެ ބޭންކް އެކައުންޓްތަކަށް އެ ފީ ޖަމާކުރެވޭނީ 2023 ވަނައަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގަވާ ގޮތެއްގެ މަތިންނެވެ.

މި މުއްދަތުގެ ނިޔަލަށް އެއްވެސް ކައުންސިލެއްގެ ބޭންކް އެކައުންޓް ބަނޑޭރި ޕޭއާ ގުޅާލާފައިނުވާނަމަ އެ ކައުންސިލަކަށް ނިސްބަތްވާ ފީ ޖަމާވާނީ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކުރައްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *