ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ދެވަނަ ބުރުގައި އޭދަފުށި ފުޓްސަލް ޓީމު މިރޭ ނުކުންނާނީ ފުވައްމުލަކު ދަނޑިމަގާ ދެކޮޅަށް ފުރިހަމަ މޮޅެއްގެ އުންމީދުގަ އެވެ.
ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭނީ ގަދަ 16 ގެ 8 މެޗެވެ.
އޭދަފުށި ގަދަ 16 އަށް ދަތުރުކުރީ މާޅޮސްމަޑޫލު ދެކުނުބުރި (ބ.އަތޮޅު)ގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ޒޯން ބުރުގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އޭދަފުށި ޓީމް ބ.އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ފެހެންދޫ ބަލިކޮށްގެންނެވެ. ޒޯން ދޭއްގެ ދެ ލެގުގައި ރ. އިނގުރައިދޫއާ ވާދަކޮށް 5-1 ގެ އެގްރިގޭޓުން ވަނީ ބަލިވެފަ އެވެ. ޒޯން ބުރަށް ހޮވުނުއިރު ވެސް އޭދަފުށި އޮތީ ގަދަ 16 އަށް ހޮވިފަ އެވެ. އެހެންވެ އިނގުރައިދޫއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި މުހިއްމު ބައެއް ކުޅުންތެރިންނަށް ވަނީ ރެސްޓް ދީފަ އެވެ.
ފުވައްމުލަކުން އިތުރު ޓީމެއް ބައިވެރިނުވާތީ ދަނޑިމަގު ޓީމު މުބާރާތުގައި ވާދަކުރަން ފެށީ ޒޯން ބުރުން ފެށިގެންނެވެ. ޒޯން ބުރުގެ ދެ ލެގުގައި އެޓީމު ވަނީ ސ. ފޭދޫ 7-4 ގެ އެގްރިގޭޓުން ބަލިކޮށް ޗެމްޕިއަންކަން ހޯދާފަ އެވެ. ދަނޑިމަގު ޓީމަކީ މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު ޓީމެކެވެ.
އޭދަފުށީގެ ފުޓްސަލް ޓީމުން އެދެނީ މިރޭގެ މެޗަށް ނުކުންނައިރު ރައްޔިތުންގެ ސަޕޯޓު ފުރިހަމއަށް ލިބުމަށެވެ.
”މިހިސާބުން ކުރިއަށްދާން ބަލާއިރު ސަޕޯޓަރުންގެ އެހީ ޓީމަށް ވަރަށް ބޭނުންވޭ. މިރޭ އޭދަފުށީގެ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް އައިސް ޓީމަށް ސަޕޯޓްކޮށްދީ.“ ޓީމުގެ ސަޕޯޓަރުން ދަނޑަށް އައުމަށް ދައުވަތު ދެމުން އޭދަފުށި ފުޓްސަލް ޓީމުން ބުންޏެވެ.
އޭދަފުށި މެޗުގެ އިތުރުން ގަދަ 16 ގައި ވާދަވެރި ހަތް މެޗު މިރޭ ކުޅޭނެ އެވެ. އޭގެތެރޭގައި މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ތިމަރަފުއްޓާއި ގާފަރުގެ ކުރިމަތިލުން ފާހަގަކުރެވެ އެވެ.
ގަދަ 16 ގެ މެޗުތައް ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ފަށާނީ މިރޭ 8 ޖަހާއިރު އެވެ. އޭދަފުށި މެޗު ފަށާނީ މިރޭ 11 ޖަހާއިރު އެވެ.













