ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަންކަން ހާޞީލްކޮށްފައިވާ ކޮޅުމަޑުލު ތިމަރުފުށީގެ މައްޗަށް ޕެނަލްޓީއިން ކުރި ހޯދައިގެން ލ.ގަން ސެމީފައިނަލުން ޖާގަ ހޯދައިފި އެވެ. ލ.ގަން ސެމީން ޖާގަ ކަށަވަރުކުރިއިރު ކުޑަހުވަދޫ އާއި ވާދޫ އަދި އިނގުރައިދޫވެސް ވަނީ ސެމީގެ ޖާގަ ކަށަވަރު ކޮށްފައެވެ.
ގޯލްޑަން ފުޓްސަލް މުބާރާތުގެ ތަށި މިލްކު ކުރަން ފުރިހަމަ އަޒުމެއްގައި ނިކުތް ތިމަރަފުށީގެ މައްޗަށް ގަމުން ކުރިހޯދާފައިވަނީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު 1-1 އިން ދެޓީމް އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން 5-4 އިން ކުރި ހޯދައިގެންނެވެ.
ރޭގެ މެޗް ފަށައިގެން ފުރަތަމަ މިނެޓުގެ ކުޅުން ނިމެން ދަނިކޮށް ގަމުން ލީޑް ނެގީ ކެޕްޓަން ހުސައިން ޝަރީފް (އޮންލީ) ކާމިޔާބު ކުށްދިން ލަނޑުންނެވެ. ޑީއޭރިޔާގެ ބޭރުން އޮންލީ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތިރިތިރިން ގޮސް އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް ތިމަރަފުށިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަބްދުﷲ ޒިޔާން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
ޕެނަލްޓީ ޝޫޓްއައުޓުގައި ތިމަރަފުށި އަތުން ބޭކާރުވީ ހަމްދާން ފޮނުވާލި ޕެނަލްޓީއެވެ. ގަމުގެ ގޯލްކީޕަރު މިޕެނަލްޓީ ދިފާއުކުރީ ވަރަށް ހުޝިޔާރުކަމާއި އެކުގަ އެވެ.
ކުއާޓާފައިނަލުގެ އެހެން މެޗުތަކަށް ބަލާއިރު މިފަހަރު އެންމެ ފޯމުގައި އޮތް ވާދޫއިން ވަނީ ފަސޭހަ ކަމާއެކު މާފަންނު 4-1 އިން ބަލިކޮށް ސެމީފައިނަލުން ޖާގަ ޔަޤީންކޮށްފަ އެވެ. މިމެޗުގައި ވާދޫގެ މުޙައްމަދު އިޔާދު ޢަލީ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފަ އެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ޝައުފް އެވެ. މާފަންނުގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ނާޖިހް އެވެ.
ކުއާޓާފައިނަލްގައި އިނގުރައިދޫ ވަނީ ފޯރިގަދަ ކުޅުމަކަށްފަހު ޕެނަލްޓީ ޖަހައިގެން 7-5 އިން ނައިވާދޫ ބަލިކޮށް ސެމީފައިނަލުން ޖާގަ ހޯދާފަ އެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އޮތީ 3-3 އިން އެއްވަރުވެފައެވެ.
މީގެ ދެއަހަރު ކުރިން ގޯލްޑަން ފުޓްސަލް މުބާރާތުގެ ފައިނަލުގައި ކުޅުނު އޭދަފުށި ރޭ ކުއާޓާގައި ބަލިވީ ކުޑަހުވަދޫއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 3-2 އިންނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ ޓީމަކަށް މިމެޗުގައި ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
ގޯލްޑަން ފުޓްސަލް މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ސެމީފައިނަލްގައި ކުޅޭނެ 4 ރަށް މިހާރު ކަށަވަރުވެފައިވާއިރު، މިފަހަރުގެ މި މުބާރާތުގައި ރާއްޖޭގެ 102 ރަށަކުން ވަނީ ވާދަކޮށްފަ އެވެ.













