ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު ޑިފެންސް މިނިސްޓްރީން އާއްމުކޮށް ހުޅުވާލައިފި އެވެ. ޑިފެންސް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ހިމެނެއެވެ. މީގެ އިތުރުން ޢުމުރުން 18 އަހަރު ފުރިފައިވުމާއި، 25 އަހަރު ނުފުރޭ މީހަކަށް ވާންވާނެ އެވެ. އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވެސް ވާންޖެހެއެވެ.
ޝަރުޠުތަކުގެ ތެރޭގައި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، ފިރިހެނެއްނަމަ އިސްކޮޅުގައި 5 ފޫޓް 5 އިންޗި، އަދި އަންހެނެއް ނަމަ5 ފޫޓް 3 އިންޗި ހުރުމާއި އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ވެގެން ނުވާނެ އެވެ.
ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަރވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިންގ އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލޭނެކަމަށްވެސް އެ މިނިސްޓްރީން ހާމަކުރައްވަ އެވެ.
ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓް www.defence.gov.mv އިން އަދި އެމްއެންޑީއެފްގެ ވެބްސައިޓްwww.mndf.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓް ހުށަހަޅަންވާނެ އެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ޑިފެންސް މިނިސްޓްރީން ބަލައިގަތުމުގެ ސުންގަޑިއަކީ 2023 އޭޕްރީލް 16 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.
އީ-މެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާނަމަ، ހުށަހަޅުއްވާނީ [email protected] އަށެވެ. އަދި ވަޒީފާއަށްއެދޭ ފޯމް ޑިފެންސް މިނިސްޓްރީއަށް އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، “GOV.MV” މެސެޖް ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅުއްވިދާނެ ކަމަށްވެސް ކަމަށްވެސް ޑިފެންސް މިނިސްޓްރީން ހާމަކުރައްވަ އެވެ.
މި ޕްލެޓްފޯމްގެ ލިންކަކީ:https://message.gov.mv/en/messages އެވެ. އީ-މެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ވަަޒީފާއަށް އެދޭ ފޯމު ޑިފެންސް ނިސްޓްރީއަށް ލިބުނުތޯ ބެއްލެވުމަށް 7522601 މެސެޖްކޮށްދެއްވުމަށާއި، މެސެޖް ފޮނުއްވާ ފަރާތްތަކަށް ފޯނުން ޖަވާބު ދެެއްވާނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ހާމަކުރައްވަ އެވެ.









