ދިވެހިރާއްޖެ އާއި ޕާކިސްތާނާއި ދެމެދު ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ރަޙްމަތްތެރިކަމުގެ ފުޓްބޯޅަ މެޗަށް ދިވެހި ޤައުމީ ޓީމް ލ. ގަމަށް ދަތުރުކޮށްފި އެވެ. އަންނަ އަންގާރަ ދުވަހު ޕާކިސްތާނާ ދެކޮޅަށް ކުޅޭ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މިމެޗަށް ދިވެހި ޤައުމީ ޓީމް ގަމަށް ދަތުރުކޮށްފައިވަނީ އެ ޓީމުގެ ސްކޮޑް އެކުލަވައިލުމަށް ފަހުގަ އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަޓީމްގެ މިދަތުރަކީ މި މަހުގެ 21 ވާ އަންގާރަ ދުވަހު ލ.ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޓީމާ، ޕާކިސްތާނުގެ ޤައުމީ ޓީމް ބައްދަލުކުރާ ބައިނަލް އަޤްވާމީ އެކުވެރިކަމުގެ ފުޓްބޯޅަމެޗެއް ކުޅުމަށްޓަކައި ގަމަށް ކުރި ދަތުރެކެވެ.
ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާއި ޕާކިސްތާނުގެ ޤައުމީ ފުޓްބޯޅަ ޓީމް ބައްދަލްކުރާ މިމެޗް ގަމު ޒޯން ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާކަން އިޢުލާން ކުރެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓްވީޓަކުން ނެވެ.
ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރާއްޖެއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް ޕާކިސްތާނުން އަންނަނީ ދުރާލައި ތައްޔާރުވަމުން ނެވެ. ޕާކިސްތާނުން މި މެޗަށް ނެގި ސްކޮޑުގައި ޔޫރަޕްގައި ކުޅޭ ދެ ކުޅުންތެރިންވެސްހިމަނާފައިވެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ސްކޮޑުގައި ދިވެހި ޤައުމަށް އުފަން އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހިމަނާފައިވާކަން ފާހަކުރެވެ އެވެ.
ދިވެހިރާއްޖެ އާއި ޕާކިސްތާނު ބައްދަލުކުރާ މި މެޗު ލ. ގަން ޒޯން ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައި ވާއިރު، މިއީ އައްޑޫ ސިޓީ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި ބައިނަލްއަޤުވާމީ ފެންވަރުގެ މެޗެއް ކުޅުމަށް ހަމަޖެހުނު ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ.
ޕާކިސްތާނާއި ރާއްޖެ އެންމެ ފަހުން އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ކުޅެފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. 2013 ވަނަ އަހަރު އެ މެޗު ކުޅެފައިވަނީ ފުރަ މާލޭގަ އެވެ. އެހެންކަމުން މިއީ އޭގެ 10 އަހަރު ފަހުން ދެ ޤައުމުން އެކުވެރިކަމުގެ މެޗެއްގައި ވާދަކޮށްލަން ލިބުނު ފުރަތަމަ ފަހަރެވެ.
ޕާކިސްތާނާއި ދެކޮޅަށް ރާއްޖެއިން އެކުވެރިކަމުގެ މެޗެއް ކުޅޭއިރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން މެދުކެނޑިފައި އޮންނަތާ 7 މަސް ދުވަސް ވެއްޖެއެވެ. މިމުއްދަތުގައި ކްލަބުތަކުން އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައި ނުވާއިރު، ޤައުމީ ޓީމުންވެސް ކުޅެފައި ވަނީ އެންމެ 2 މެޗެވެ.
ޕާކިސްތާނަށް ބަލާއިރު، އެޤައުމުން ފުރަތަމަ މަސައްކަތް ކުރީ މިމެޗް އެގައުމުގައި ކުޅެވޭތޯއެވެ. ނަމަވެސް އެޤައުމަށް ގޮސް މި މެޗް ކުޅެން ރާއްޖެއިން ބޭނުން ނުވުމުން ޕާކިސްތާނުން ރާއްޖެއަށް އައުމަށް ނިންމީ އެވެ.
ޕާކިސްތާނާއި ރާއްޖެ ބައްދަލްކުރާ މިމެޗް ލ.ގަން ޒޯން ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވާ އަންގާރަ ދުވަހު ހަވީރު 15:45 ގައެވެ.













