ސަރުކާރުން މިކަމުގައި އިސްކުރީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ މަޞްލަޙަތުކަމަށާއި، މި މައްސަލައިގައި ޙަޤީޤަތް އޮޅޭގޮތަށް ބައެއް ފަރާތްތަކުން މަޢުލޫމާތު ފެތުރިކަމުގައިވިޔަސް، މައްސަލަ ނިމިގެން ދިޔަ ގޮތުން ކަމުގެ ޙަޤީޤަތް ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވެގެން ހިނގައްޖެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ބެހުމުގެ މައްސަލައިގައި، ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމުމާ ގުޅިގެން، މި ނިންމުމަކީ، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި ނިންމުމާ ގުޅިގެން މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ކެބިނެޓުގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ރާއްޖެއިން ވަކާލާތު ކުރަމުންދާތާ އެތައް އަހަރެއްވީ މައްސަލައެއް ކަމަށާއި، މިއީ، ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދު ކަނޑައެޅިގެން ދިޔަ ވަރަށް ތާރީޚީ ނިންމުމެއް ކަމުގަ އެވެ.
މިރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިސް ނަންގަވައިގެން މި މައްސަލަ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅުއްވައި، އަދި މި މައްސަލަ ކާމިޔާބު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސް ނަންގަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކަށް ތަޢުރީފް ކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ. އަދި މި މައްސަލަ ކާމިޔާބު ކުރެއްވުމަށް ދައުލަތުގެ އެޓަރނީ ޖެނެރަލްއާއި، އެމަނިކުފާނުގެ ޓީމުންނާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކުރެއްވި ބުރަ މަސައްކަތްޕުޅުތަކަށްވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ތަޢުރީފް ކުރެއްވި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލަ ނިމުމާ ގުޅިގެން، މިކަމާ ގުޅޭގޮތުން ކުރިއަށް އޮތް ތާނގައި ވަކިވަކި މިނިސްޓްރީތަކުން ކުރައްވަން ޖެހޭ ކަންކަމާ ބެހޭގޮތުންވެސް މިރޭގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވި އެވެ.
މިގޮތުން ދިވެހިރާއްޖޭގެ ދެކުނުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން އަލަށް ކަނޑައެޅުމާ ގުޅިގެން، ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި އެ ސަރަހައްދު ބެލެހެއްޓެވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސަވައިދެއްވައި، އެ ސަރަހައްދު ބެލެހެއްޓޭނެ ގޮތްތައް ގާއިމުކުރެއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން މިނިސްޓްރީ އޮފް ޑިފެންސްއިން ކުރެއްވުމަށާއި، އިޤްތިޞާދީ ގޮތުން އެ ސަރަހައްދުގެ މަންފާ ރާއްޖެއަށް ހޯދުމަށްޓަކައި އެ ސަރަހައްދުގެ ބޭނުން ހިފޭނެ ގޮތްތައް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަދި މިނިސްޓްރީ އޮފް ޓޫރިޒަމުން ބައްލަވައި، އެ ކަންކަމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެ މިނިސްޓްރީތަކަށް އިރުޝާދު ދެއްވި އެވެ.









