މާލޭގައި ހެންވޭރު ގެއެއްގައި ދިވެހި 3 ފިރިހެނަކު ރަހީނުކޮށް އަނިޔާކޮށްފައިވަނިކޮށް ފުލުހުން އެމީހުން ސަލާމަތް ކޮށްފި އެވެ.
ފުލުހުން އެމީހުން ސަލާމަތް ކޮށްފައިވަނީ، ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގެ ތެރޭން ކަމަށް ފުލުހުން ހާމަކުރައްވަ އެވެ.
ފުލުހުން ވިދާޅުވީ އެގޭގައި ބަޔަކު ރަހީނުކޮށްފައި ތިބިކަމަށް މިއަދު ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެގެއަށް ގޮސް ބާރުގެ ބޭނުންކޮށްގެން އެތަނުގެ ތެރެއަށް ވަދެފައިވާ ކަމުގަ އެވެ. އަދި އެތަނުގައި ތިބި މީހުން ސަލާމަތްކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
ފުލުހުން ވިދާޅުވީ އެމީހުން ރަހީނުކޮށް އަނިޔާކުރި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމުގަ އެވެ.
ރަހީނުކޮށްފައި ތިބި 3 މީހުންނަށް އެކިވަރުގެ އަނިޔާ ކޮށްފައިވާ ކަމަށާއި، އެމީހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރައްވަ އެވެ.









