Search Streamline Icon: https://streamlinehq.com

ފުއްގިރި މައްސަލައިގެ މިއަދު ޝަރީއަތް ވެސް ކެންސަލް

Yameen

ރ. އަތޮޅު ފުއްގިރި ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި މިއަދު ބާއްވަން ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ވެސް ކެންސަލް ވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ.

އެހެންނަމަވެސް މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައި ވަނީ މިމައްސަލާގައި ދައުވާލިބޭ އެއް ފަރާތްކަމަށްވާ މއ. ކުރިކީލަހިޔާ އަހުމަދު ކުރިކް ރިޒާ ބަލިވެ އުޅޭތީއެވެ.

މި މައްސަލައިގާ އިއްޔެ ތާވަލުކުރި އަޑުއެހުން ވެސް ކެންސަލް ކޮށްފައިވަނީ ރިޒާ ބަލިވެ އުޅޭތީއެވެ.

އެ ޝަރީއަތުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިން ހާޒިރު ކުރުމަށް އިއްޔެއާއި މިއަދަށް ތާވަލްކޮށްފައިވާއިރު، އީދު ބަންދަށް ފަހު އަލުން މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން މިހާރު ވަނީ ތާވަލް ކޮށްފައެވެ.

އެގޮތުން ޖުލައި 2 ވަނަ ދުވަހާއި 4 ވަނަ ދުވަހު މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފައެވެ.

މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ ރައީސް ޔާމީން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް، މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ދައުވާ، ދައުލަތުން ކުރައްވާފައި ވެއެވެ. އަދި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ ”ކްރިކް ރިޒާ“ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމްގެ ދެ ކުންފުންޏެއް މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ވެސް ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައެވެ.

ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް ވަނީ އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އިއްވާފައެވެ.

އޭގެ ދެ މަސް ފަހުން ކުއްލި ގޮތަކަށް ކުރިމިނަލް ކޯޓުން ވަނީ 52.6 މިލިއަން ރުފިޔާ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ޔާމީންގެ މައްޗަށް އަމުރު ކުރި ނަމަވެސް އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ބާތިލު ކޮށްފައެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ވެސް މިހާރު ވަނީ ހައިކޯޓަށް ބަލައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *