ކުދިންގެ ހުރި ހުނަރުތައް ދެނެގަނެ އެކަންކަން ތަރައްޤީކުރުމުގައި ބެލެނިވެރިން ބާރުއަޅައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފިއެވެ.
މުޙައްމަދު ޤާސިމް ޕްރީސްކޫލްގެ ގްރެޖުއޭޝަން 2022-2023ގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ކުދިންނަކީ މަސައްކަތްތެރި ރަނގަޅު ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމުގައި ސްކޫލުތަކާއި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އަދި ޤައުމަށް ޚިދުމަތްކުރާ ދަރިންތަކެއް އެކުލެވޭ ހެޔޮލަފާޖީލެއް ބިނާކުރުމުގައި ބެލެނިވެރިން އިސްދައުރެއް އަދާކޮށްދިނުމަަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.
މި ޖަލްސާގައި މުޙައްމަދު ޤާސިމް ޕްރީސްކޫލުން ގްރެޖުއޭޓްވި ޔޫ.ކޭ.ޖީ1 އިން ފެށިގެން ޔޫ.ކޭ.ޖީ 8 އާ ހަމައަށް ހުރިހާ ކްލާސްތަކުން ގްރެޖުއޭޓްވި ދަރިވަރުންނަށް ސްކްރޯލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
މުޙައްމަދު ޤާސިމް ޕްރީސްކޫލަކީ 24 އޮކްޓޫބަރ 2021ގައި ހުޅުވުނު ޕްރީސްކޫލެކެވެ. މިހާރު 462 ދަރިވަރުން ތަޢުލީމު ހާޞިލުކުރަމުން އަންނައިރު އޭގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ 36 ކުއްޖަކުވެސް ހިމެނެއެވެ. މި ސްކޫލުގެ ގްރެޖުއޭޝަން 2022-2023ގައި ޖުމްލަ 198 ދަރިވަރުން ގުރެޖުއޭޓްވެފައިވެއެވެ.









