ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް އޭގެ ދެވަނަ މެޗު ކާމިޔާބުކޮށް އެންމެފަހުގެ ޗެމްޕިއަން އިންޑިއާ މޮޅަކުން ފަށައިފިއެވެ.
މި މެޗުގައި އިންޑިއާ އިން ކުރި ހޯދީ ޕާކިސްތާނާއި ވާދަކޮށް 0-4 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށުނީއްސުރެ ވަރުގަދަކޮށް ފެނުނު އިންޑިއާ އިން މެޗުގެ 10 ވަނަ މިނެޓުގައި ލީޑު ނެގީ ޕާކިސްތާނުގެ ކީޕަރު ސާގިބް ހަނީފަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކެޕްޓަން ސުނިލް ޗެތުރީ އެވެ. އަދި އޭގެ 5 މިނެޓުފަހުން ޗެތްރީ ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ.
މިއީ ޕާކިސްތާނުގެ އޭރިއާ ތެރެއިން ޕާކިސްތާން ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހުވަގުތު އިންޑިއާ ބެންޗު ކައިރިން ބޭރުވި ބޯޅައެއް ޕާކިސްތާނުގެ ކުޅުންތެރިޔާ އެއްލަނިކޮށް އިންޑިއާގެ ކޯޗު އިގޯ ސްޓިމަކް ބޯޅައިގައި ޖަހާ ބޯޅަ ވައްޓާލުމުން ވަނީ ކޮންމެވެސް ވަރަކަށް މަސްލަހަތު ގޯސްވެފައެވެ. ނަމަވެސް ދެ ޓީމުގެ ކުޅުންތެރިންނާއި މެޗު އޮފިޝަލުން ގޮސް އެކަންތައް ހަމައަކަށް އެޅުވުމަށްފަހު، މެ ޗުގެ ކުޅުން އަލުން ކުރިއަށް ގެންދިޔައީ އިންޑިއާގެ ކޯޗަށް ރަތްކާޑު ދައްކާ ކަނޑުން ފޮނުވާލުމަށް ފަހުގައެވެ.
ދެވަނަ ހާފު ފެށިގެން ވެސް އިންޑިއާއިން ރަނގަޅު ކުޅުމެއް ދައްކަމުން އައިސް 74 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިންޑިއާއިން އެ ޓީމުގެ ތިންވަނަ ލަނޑު ވަނީ ޖަހާފައެވެ. މިލަނޑު ވެސް ޖެހީ ޗެތްރީއެވެ.
މިއީ ޕާކިސްތާނު ޕެނަލްޓީ އޭރިއާ ތެރެއިން އިންޑިއާ ކެޕްޓަން ޗެތުރީއަށް ޕާކިސްތާންގެ މުހައްމަދު ސުފިޔާން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ. މި ލަނޑާއި އެކު ޗެތުރީ ވަނީ މި މެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.
މެޗުގައި އިންޑިއާގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި އުދަންތާ ސިންހެވެ.
މުބާރާތުގައި މިއަދު ކުޅޭނީ ގުރޫޕް ބީ ގެ ދެމެޗެވެ. ހަވީރު 3 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ލުބުނާނާއި ބަންގުލަދޭޝްއެވެ. މިރޭ 7 ޖަހާއިރު ބައްދަލުކުރާނީ ރާއްޖެއާއި ބޫޓާންއެވެ.













