ޕާސްޕޯޓާއި ގުޅުންހުރި ޚިދުމަތްތައް އިމުގަ ޕޯޓަލް މެދުވެރިކޮށް ލިބޭނޭ އިންތިޒާމު ހަމަޖައްސަމުން އަންނަ މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ އެ އިންތިޒާމު ވަރަށް އަވަހަށް އިފްތިތާހްކުރާނެ ކަމަށެވެ.
އަލަށް ދެވޭ މި ޚިދުމަތާއި އެކު ޕާސްޕޯޓް ހެދުމަށް ފަސޭހަ ވާނެ ގޮތަށް އިމުގާ އެޕް ބޭނުންކޮށްގެން ޚިދުމަތް ހޯދުމުގެ ފުރުސަތާއި އީފާސް މެދުވެރިކޮށް ޕާސްޕޯޓާއި ބެހޭ މައުލޫމާތުތައް ހޯދޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.
މި ޚިދުމަތް އިމުގަ ޕޯޓަލުން ލިބެންފެށުމުން އައިޑީ ކާޑު ކޮޕީއާއި ކުރީގެ ޕާސްޕޯޓް ސްކޭން ނުކޮށް ”އިމުގަ އެޕް“ މެދުވެރިކޮށް ޕާސްޕޯޓް ހެދޭނެ ކަމަށެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ޕާސްޕޯޓަށް ހެއްދުމަށް ހުށަހަޅާ އެޕްލިކޭޝަންތައް ކުރިއަށްގެންދާނީ ފޯމުތައް ލިބޭ ތަރުތީބުންނެވެ. އަދި ޕާސްޕޯޓަށް ފައިސާ ދެއްކުން ވެސް އޮންލައިންކޮށް ކުރިއަށްގެންދެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މިއީރައްޔިތުންނަށް ވީހާވެސް ފަސޭހައިން އިމިގްރޭޝަންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކެއްކަމަށް އެފަރާތުން ބުނެއެވެ.









