ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ނެރުމަށް ނިންމާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެމްޕެއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ރަސްމީކޮށް ފަށައިފިއެވެ.
މިއަހަރުގެ ސެޕްޓެމްބަރ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ކޯލިޝަނުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ވެސް އެމަނިކުފާނާ ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.
އެ ކޯލިޝަންގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ޕީޕީއެމްގެ ޓީމުން މިހާރުދަނީ ޒިޔާރަތް ކުރަމުންނެވެ. އެގޮތުން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ގައި ރަސްމީކޮށް ކެމްޕެއިން މިހާރުވަނީ ފަށާފައެވެ.
މީގެ އިތުރުން މާލޭ ސަރަހައްދުގައި ވެސް ދޮރުން ދޮރަށް ހިނގުން ފަށައިގެން ކުރިއަށް ގެންދާއިރު، ރައީސް ޔާމީންގެ ކެމްޕެއިން ޝިއާރަކަށް ކަނޑައަޅާފައިވަނީ ”ދިވެހީޏްގެ ރާއްޖެ“ އެވެ.
ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލުމާ އެކު، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ވަނީ ވަރަށް ހަނިވެފައެވެ.
މީގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތު ހަނިވެފައިވީ ނަމަވެސް އިދިކޮޅުން ތަކުރާރުކޮށް ބުނަމުން ދަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ.









