ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ފުރާނައަށް ނުރައްކާތެރި ބައްޔަކަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ އަދީބު އިތުރު ފަރުވާއަށް ސިންގަޕޫރަށް ފުރީ މި ޖުލައި މަހުގެ 11 ވީ އަންގާރަ ދުވަހުގެ ރޭ 11:30 ގައި ސިންގަޕޯރ އެއަރލައިންސްގެ ފްލައިޓެއްގައެވެ.
މިދިޔަ ހަފުތާގައި އަދީބުގެ ހާލު ސީރިއަސްވެ، ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ވަނީ އެޑްމިޓް ކޮށްފައެވެ. އަދި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އޭނާގެ އާއިލާ އިން ކަރެކްޝަންސްގައި ވަނީ އެދިފައެވެ.
އެހެންކަމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނި ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް އަދީބު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު ދީފައިވާ ކަމަށެވެ.
އަދީބުގެ ސިޔާސީ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ބުނީ އަދީބަށް ޖެހިފައިވަނީ ނާރުގެ ނިޒާމަށް އަސަރުކުރާ ފުރާނައަށް ނުރައްކާތެރި ބައްޔެއް ކަމަށެވެ. އަދި މި ބަލި ފެނުނު ކަމަށް ބެލެވެނީ 2015 އިން ފެށިގެން 2018 ގެ ނިޔަލަށް ތިން އަހަރު ދުވަހުގެ މުއްދަތަކަށް ޖަލުގައި ބަންދުކޮށްފައި ހުއްޓާ ކަމަށެވެ.
2015 އިން ފެށިގެން ޖަލުގައި ހުންނެވިއިރު، ސިއްހީ ބޮޑެތި މައްސަލަތަކެއް އަދީބަށް ކުރިމަތިވެފައިވާއިރު، އޭރުގެ ސަރުކާރުން އަދީބަށް ބޭނުންވި ބޭސްފަރުވާ ނުދެވުމުން، ހިއުމަން ރައިޓްސް ކޮމިޝަނާއި ބޭރުގެ ޖަމިއްޔާތަކުން ވެސް ވަނީ އަދީބަށް ސިއްހީ ފަރުވާ ދޭން ސަރުކާރަށް ގޮވާލާފައެވެ.
އަދީބު ބޭސްފަރުވާއަށް ފުރާފައިވާއިރު، އޭނާގެ މައްޗަށް ޝަރީއަތް ކުރާ އެއްވެސް މައްސަލައެއް މިހާރު އެއްވެސް ކޯޓެއްގައި ނެތެވެ.









