Search Streamline Icon: https://streamlinehq.com

ކޮމިޔުނިޓީ ޝީލްޑް އާސެނަލް އިން ކާމިޔާބުކޮށްފި

3758224 76454408 2560

މެންޗެސްޓަރ ސިޓީގެ މައްޗަށް ކާމިޔާބު ހޯދައި އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ކޮމިޔުނިޓީ ޝީލްޑް އާސެނަލް އިން ކާމިޔާބު ކޮށްފި އެވެ.

އާސެނަލް އިން ކޮމިޔުނިޓީ ޝީލް ކާމިޔާބު ކުރީ ޕެނަލްޓީގައި 1-4 ގެ ނަތީޖާއިން ސިޓީގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ކޮމިޔުނިޓީ ޝީލްޑްގައި ވާދަ ކުރާނީ ކުރީ ސީޒަންގެ ލީގް ޗެމްޕިއަން އާއި އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމެވެ. މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދީ މެންޗެސްޓާ ސިޓީންނެވެ. އާސެނަލް ހޯދީ އެފްއޭކަޕެވެ.

މެޗު ފަށައިގެން ދެޓީމުންވެސް ރަނގަޅު ކުޅުމެއް ދެއްކިއެވެ. އެގޮތުން ދެ ޓީމަށްވެސް ނަތީޖާ ނެރެން ރަނގަޅު ފުރުސަތުތައްވެސް ލިބުނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިންމާލަން ޖެހުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ.

މި މެޗުގައި ފެނިގެން ދިޔަ ދެ ލަނޑުވެސް ފެނިގެން ދިޔައީ މެޗުގެ ފަހު ހާފުގެ ފަހުކޮޅުގައެވެ. މެޗުގެ ފަހު ހާފުގެ 77 ވަނަ މިނެޓުގައި ލަނޑު ޖަހާ ފުރަތަމަ ލީޑު ނެގީ ސިޓީންނެވެ. ކެވިން ޑެބްރެއިނާ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި މި ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ ކޯލް ޕާމާއެވެ.

އާސެނަލް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި 11 މިނެޓުގެ ތެރޭގައި އާސެނަލް އިން ލަނޑު ޖަހާ ނަތީޖާ ހަމަހަކުރިއިރު، މި ލަނޑު އެޓީމަށް ޖަހައިދިނީ ލެއަންޑްރޯ ޓްރޮސާޑްއެވެ. އޭނާ މި ލަނޑު ޖެހީ ބަކަޔޯކޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.


މެޗުގެ ނަތީޖާ އެއްވަރުވުމުން ދެން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އާސެނަލް އިން ޖެހި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރި އިރު، ސިޓީން ޖެހި ތިން ޕެނަލްޓީގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީއެވެ.

އާސެނަލްގެ ޕެނަލްޓީތައް ޖެހީ އޮޑިގާޑް، ޓްރޮސާޑް، ސަކާ އަދި ވިއެރާއެވެ. ސިޓީއިން ޕެނަލްޓީ ޖެހީ ޑިބްރެއިނާ، ބަނާޑޯ ސިލްވާ އަދި ރޮޑްރީއެވެ. ޑިބްރެއިނާ އަދި ރޮޑްރީ ޖެހި ޕެނަލްޓީ ނާކާމިޔާބުވިއެވެ. ބަނާޑޯ ސިލްވާ ޖެހި ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ.

މިއީ ކޮމިޔުނިޓީ ޝީލް އާސެނަލް އިން ކާމިޔާބު ކުރި 17 ވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ވަނީ މި ޝީލްޑް 16 ފަހަރު ކާމިޔާބުކޮށްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގް ފަށާނީ މި މަހުގެ 12 ވަނަ ދުވަހުގައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މެންޗެސްޓާ ސިޓީއާއި ބާންލީއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި