Search Streamline Icon: https://streamlinehq.com

މިއަހަރުގެ ޖުލައި މަހު މީރާ އަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

MIRA

މިއަހަރުގެ ޖުލައި މަހު މީރާ އަށް ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފައިވާ ގޮތުގައި ޖުލައި 2023 ގައި މީރާއަށް ވަނީ 3.53 ބިލިއަން ރުފިޔާ ބަލައިގަނެފައެވެ. އަދި އެ އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %32.5 އިތުރު އަދަދެކެވެ.

މީގެ އިތުރުން މިއީ މިއަހަރުގެ ޖުލައި މަހުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %10.6 ގިނަ އަދަދެއް ކަމަށް ވެސް މީރާ އިން ވަނީ ހާމަކޮށްފައެވެ.

މީރާ އިން ބުނީ މިދިޔަ އަހަރުގެ ޖުލައިގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖުލައި 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް އިތުރުވުން ކަމަށެވެ. އަދި ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އާއި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ.

މީގެ ސަބަބެއް ކަމަށް މީރާ އިން ބުނީ 2022 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި އަދި 2023 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، ސުންގަޑީގެ ތާރީޚު ޖުލައި 2023 އަށް ފަސްވެފައިވާތީކަމަށެވެ.

މީގެ އިތުރުން ޖޫން 2022 އާއި އަޅައިބަލާއިރު، ޖޫން 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 8.5% އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށް ވެސް މީރާއިން ބުނެއެވެ.

މީރާ އިން އާންމުކޮށްފައިވާ ގޮތުގައި ޖުލައި 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އަދި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމެވެ.

މީގެ އިތުރުން 2022 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި އަދި 2023 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓެރިމް ބަޔާން ހުހަޅައި ފައިސާދެއްކުމުގެ ސުންގަޑި 2023 ވަނަ އަހަރުގެ ޖުލައި މަހަށް ފަސްކޮށްފައިވުމާއެކު، އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާކަމަށް މީރާއިން ވަނީ ބުނެފައެވެ.

ޖުލައި 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާއެއް އާމްދަނީން ނަގާ ޓެކުހުން ކޮށްފައިވާއިރު، އެ ޓެކުހުގެ ގޮތުގައި 1.85 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ޖީ.އެސް.ޓީން ލިބުނުއިރު، އެއީ 1.22 ބިލިއަން ރުފިޔާ ކަމަށް ވެސް މީރާ އިން ބުނެއެވެ.

މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 155.68 މިލިއަން ރުފިޔާ ލިބުނުއިރު، ގްރީން ޓެކްސްގެ ގޮތުގައި 91.02 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 61.92 މިލިއަން ރުފިޔާ ލިބިފައިވާ ކަަމަށް ވެސް މީރާ އިން ބުނެއެވެ. އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 161.41 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ބުނެއެވެ.

މިއަހަރުގެ ޖުލައިގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 104.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް ވެސް މީރާ އިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *