ގއ. މާމެންދޫ ސްކޫލުގެ އައު ޢިމާރާތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ހުޅުއްވައި ދެއްވައިފިއެވެ.
އެމަނިކުފާނު އެ ޢިމާރާތް ހުޅުއްވައިދެއްވީ، ހުވަދު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެންނެވެ.
ޖަޕާނުގެ އެހީގައި ބިނާކުރި މާމެންދޫ ސްކޫލުގެ އައު އިމާރާތަކީ ދެ ކުލާސް ރޫމް ހިމެނޭ އިމާރާތެކެވެ.
މި އިމާރާތުގެ މަސައްކަތްކޮށްފައި ވަނީ، ވެލް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑުންނެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.









