އަރަބި ކުލަބް ޗެންޕިއަންސް ކަޕް ނުވަތަ ކިންގް ސަލްމާން ކުލަބް ކަޕްގެ ފައިނަލުގައި ވާދަވެރި އަލް ހިލާލް ބަލިކޮށް ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ތަށި އަލް ނަޞްރުން އުފުލާލައިފިއެވެ.
މެޗުގެ ބޮޑުބައި އެއްކުޅުތެރިއަކު މަދުކޮށް ކުޅުނު އަލް ނަސްރުން ހިލާލް ބަލިކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ވަރަށް ހަމަހަމަކުޅުމެކެވެ. އެގޮތުން ލަނޑުޖަހާނެ ރަގަޅު ފުރުސަތުވެސް ދެ ޓީމަށް ވަނީ ލިބިގެން ގޮސްފައެވެ. ނަމަވެސް، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން އެއްވަރުވެ އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް ހިލާލް އިންނެވެ. މިލަނޑު ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މައިކަލް އެވެ. މިއީ އެޓީމުގެ މަލްކޮމް ހުރަސްކޮށްދިން ބޯޅައެއް އަލް ނަސްރުގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އަލް ހިލާލްއިން ލީޑުގައި އޮވެ މެޗުގެ ކުޅުން ކުރިޔަށް ދަނިކޮށް މި މެޗުގައި އަލް ނަސްރުއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ 71 ވަނަ މިނެޓުގައި އެޓީމުގެ ޑިފެންޑަރު އަލް އަމްރީ ކުރި ކުށަކާއި ގުޅިގެން ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އަމްރީ އަށް ރެފްރީ ރަތްކާޑު ދެެއްކީ އަލް ހިލާލްއިން އުފެއްދި ކައުންޓަރ އެޓޭކެއްގައި ހިލާލްގެ ކުޅުންތެރިއަކު ހުސްކޮށް އަލް ނަޞްރުގެ ޕެނަލްޓީ އޭރިއާތެރެއަށް ވަންނަން ދަނިކޮށް އަމްރީ ފަހަތުން ގޮސް އެ ކުޅުންތެރިޔާއަށް ފައުލްކުރުމުންނެވެ. މި ރަތްކާޑާއި އެކު އަލް ނަޞްރަށް މެޗުގެ ނަތީޖާ އަނުބުރާލެވޭނެ ކަމުގެ އުންމީދު ގެއްލުނު ކުޅުންތެރިންގެ ވަރުގަދަ ހިތްވަރާއި އެކު މާ ގިނައިރުތަކެއް ނުވެ ލަނޑެއް ޖަހައި ނަތީޖާ ހަމަހަކުރިއެވެ.
އަލް ނަޞްރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު ޖަހައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އެޓީމުގެ ސުލްތާން އަލް ޣަންނާމް އަރިމަތިން ހުރަސްކޮށްދިން ބޯޅައެއް އަލް ހިލާލްގެ ގޯލު އޭރިޔާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅެވުނު އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިިން ފުރަތަަމަ ހާފުގައި، އަލް ނަސްރަށް މިމެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ހޯދައިދިނީ ވެސް ރޮނާލްޑޯ އެވެ. މިއީ އެޓީމުގެ ސެކޯ ފޮފާނާ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައިޖެހިފައި ބޭރަށް ނުކުތް ވަގުތު މުޅިން ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު މެޗުގެ 120 މިނެޓުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.
މިމުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓު ލިބުނީ އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. ރޮނާލްޑޯ ވަނީ މި މުބާރާތުގައި ކުޅުނު ފަސް މެޗުގައި 6 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމު ލިބުނީ އަލް ނަސްރުގެ ނަވާފު އަށެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަލް ހިލާލްގެ ސާބިއާ މިޑްފީލްޑަރު މިލިންކޯ ސަވިޗް އެވެ.













