Search Streamline Icon: https://streamlinehq.com

ސައުދީ ޕްރޮލީގު: ރޮނާލްޑޯގެ ހެޓްރިކާއި އެކު ލީގުގެ ފުރަތަމަ މޮޅު އަލް-ނަޞްރުން ހޯދައިފި

F4Z WfWEAEDZs6

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރު ދުވަހުގެ ރޭ އަލް-ފަތެހް އެފްސީ އާއި ދެކޮޅަށް ކުޅުނު މެޗު އަލް-ނަޞްރުން ފަސޭހަކަމާއި އެކު ކާމިޔާބު ކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗު އަލް ނަޞްރުން ކާމިޔާބު ކުރީ 0-5 ގެ ނަތީޖާއިންނެވެ.

މި މެޗުގައި އަލް ނަޞްރުން ކާމިޔާބު ކުރި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބު ކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކޮށްދިނީ ސަދިއޯ މާނޭއެވެ.

މެޗު ފެށިގެން ވެސް ގިނަ ވަގުތު ބޯޅަ ހިފަހަޓްއައިގެން މޮޅަށް ކުޅުނު ނަޞްރުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑުނަގީ 27 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން ސަދިއޯ މާނޭއެވެ. ނަޞްރުގެ ދެވަނަ ލަނޑުޖަހާ ލީޑު ފުޅާކުރީ މެޗުގެ 38 ވަނަ މިނެޓުގައި އަލް ގަންނާމް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ މިފަހަރުގެ ސީޒަން ފެށުނު ފަހުން އަލް ނަޞްރަށް ރޮނާލްޑޯ ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

ނަޞްރުގެ ތިންވަނަ ލަނޑު ފަހުހާފުފެ 55 ވަނަ މިނެޓުގައި ގަރީބްގެ އެހީތެރިކަމާއި އެކު ރޮނާލްޑޯ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ހަތަރުވަނަ ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ސަދިއޯ މާނޭއެވެ. އަދި ނަޞްރުގެ ފަހު ލަނޑު، މެޗުގައި އެޓީމުން ކާމިޔާބު ކުރީ ފަސްވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތައި ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ބޯސަލް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މި މެޗުގައި ރޮނާލްޑޯގެ ހެޓްރިކް ފުރިހަމަކޮށްފައިވާއިރު، މިއީ މި ސީޒަނގެ ފުރަތަމަ ހެޓްރިކެވެ. އަދި ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ފުރިހަމަ ކުރި 63 ވަނަ ހެޓްރިކެވެ.

ރޭގެ މެޗުން ހޯދި މޮޅަކީ މިފަހަރުގެ ލީގުގައި އަލް ނަޞްރުން ހޯދި ފުރަތަމަ މޮޅެވެ. ލީގުގައި އެންމެ ފުރަތަމަ އެޓީމުން ކުޅުނު ދެމެޗުން ވެސް ވަނީ ބަލިވެފައެވެ. މި މޮޅާއި އެކު އެޓީމުން ވަނީ ލީގުގެ 10 ވަނައަށް ޖެހިލާފައެވެ.

ރޭގައި މި ލީގުގެ އިތުރު ތިން މެޗެއްވެސް ވަނީ ކުޅެފައެވެ. މި މެޗުތަކަށް ބަލާލާއިރު، އަލް ހަޒަމް އާއި އަލް ފެއިހާ ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓިމަކަށް ލަނޑެއް ނުޖެހި އެއްވަރުވެއޮވެގެންނެވެ. އަދި އަލް ޝަބާބް އާއި ދަމަކް އެފްސީ ބައްދަލުކުރި މެޗު ވެސް ވަނީ 1-1 އިން އެއްވަރުވެފައެވެ. އަލް ތާވޫން އާއި އަބްހާ ބައްދަކުރި މެޗު 0-1 އިން ތާވޫން ވަނީ ކާމިޔާބު ކޮށްފައެވެ.

ލީގުގައި އަލް ނަޞްރު ދެން ކުޅެން ޖެހޭ މެޗުގައި ބައްދަލުކުރާނީ އަލް ހަޒަމް އާއެވެ. މި މެޗު ކުޅޭނީ މި މަހުގެ 29 ވަނަ ދުވަހުގައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި