Search Streamline Icon: https://streamlinehq.com

މާބައިދޫ އާއި މާވަށުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްފި

Raees

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ލ. މާބައިދޫ އަދި މާވަށުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

އެމަނިކުފާނު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ވަނީ މާބައިދުއަށް ވަޑައިގެން އެރަށު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވާފައެވެ. އަދި މާވަށަށް ވަޑައިގެން އެރަށު ބަނދަރުގެ ބޭރުތޮށި އަޕްގްރޭޑްކުރުމުގެ މަޝްރޫޢާއި އެރަށުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނިމުން ވަނީ ފާހަގަކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި މާބައިދޫ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތަކީ ކުރިޔަށްވުރެ ޖާގަތަނަވަސްކޮށް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަންތަނެވެ. މާބައިދޫގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 980 ކިލޯވޮޓެވެ.

މާވަށު ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. އަދި މާވަށު ބަނދަރު ގެ ބޭރުތޮށި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްގެންނެވެ.

މި މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި ބޮޑުހިލަ ބޭނުންކޮށްގެން 284 މީޓަރުގެ ބޭރުތޮށި ލުމާއި، 110 މީޓަރުގެ އެއްގަމު ތޮށިޖެހުމާއި 40 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި ބަނދަރާ ގުޅޭ އެހެން މަސައްކަތްތައް ކޮށްފައިވެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *