”ޝުކުރިއްޔާ ދިވެހިން“ ގެ ނަމުގައި ޕްރޮގްރެސިވް ކޯލިޝަނުން އެއްވުމެއް ބާއްވަން ނިންމައިފިއެވެ.
އެ ކޯލިޝަނުން ބުނީ މިއީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ކާމިޔާބީ ފާހަގަކުރުމަށް ބާއްވާއެއްވުމެއް ކަމަށެވެ.
މި އެއްވުން އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި ކަމަށާއި މި އެއްވުމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ތާއިދުކުރާ ހުރިހާ އެންމެން ވެސް ބައިވެރިވުމަށް އެ ކޯލިޝަނުން ވަނީ އެދިފައެވެ.
ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތަކެއް އެކުވެގެން ރިޔާސީ އިންތިހާބު ބާއްވަން ފެށިފަހުން މިހާތަނަށް އެންމެގިނަ ކެންޑިޑޭޓުން ވާދަކުރި ރޮޔާސީ އިންތިހާބު މިމަހުގެ 9 ގައި ބޭއްވިއިރު، މި އިންތިހާބުގައި ޖުމްލު 8 ކެންޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ.
މި އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް 101635 ވޯޓު ލިބިވަޑައިގެންނެވިއިރު، އެއީ ވޯޓުލީ މީހުންގެ ނިސްބަރުން 46.06 ޕަސެންޓެވެ.
މި އިންތިހާބުގައި ދެވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް 86161 ވޯޓު ލިބިލެއްވިއިރު، މިއީ ވޯޓުލީ މީހުންގެ 39.05 ޕަސެންޓެވެ.
މި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ މަތިން ވޯޓުލިބިފައި ނުވާތީ، އިންތިހާބުގެ ދެވަނަ ބުރަށް ހޮވިފައިވަނީ އެންމެގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސް ސާލިހާއި ޑރ. މުއިއްޒެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.









