މި ގައުމުގެ އިގްތިސޯދު ވައްޓާލާފައިވާ އަނދަވަޅުން ނަގާ ކޮޅަށް ޖަހައިދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެން ކާމިޔާބީ ފާހަގަ ކުރެއްވުމަށް އާޓިޕިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
”ޝުކުރިއްޔާ ދިވެހިން“ ގެ ނަމުގައި ބޭއްވި މި ޖަލްސާގައި އޭނާ ވިދާޅުވީ ިއެންސީގެ ވެރިކަމެއްގައި ކޮންމެ ރައްޔިތަކީ ވެސް ފުދުންތެރި، އަނބުރުވެރި ރައްޔިތަކަށް ހަދައިދެއްވާނެ ކަމަށެވެ. އަދި މިއަދާއި ހިސާބަށް ވެސް ކެމްޕެއިނުގައި ޕޯޑިއަމް ކައިރި ހުއްޓި ދެއްކި ކޮންމެ ވާހަކައަކީ އަދި ވިދާޅުވި ކޮންމެ ޖުމްލައަކީ ހިތުގެ އަޑިން، އަމިއްލަ ނަފްސަށް ޔަގީންކަން އޮވެގެން ދައްކަވާ ވާހަކަތައް ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެވާހަކަތަކަކީ އެކަންކަން ކޮށްދެވޭނެކަމުގެ ޔަގީންކަން އޮވެގެން އެކަންކަން ކޮށްދެވޭނެ ގޮތް އެނގިވަޑައިގަންނަވާތީ ދައްކަވާ ވާހަކަތައް ކަމަށެވެ. އަދި އެއިން ކޮންމެ ވައުދެއް ހާސިލު ކޮށްދެއްވާނެ ކަމަށާއި ޔަގީންކަމާއެކީގައި ފުރިހަމަކޮށްދީ ނަތީޖާ ނެރެދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ވަރުގަދަ ގައުމީ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް އިހުލާސްތެރި ކަމާއެކު ދައުވަތު އަރުވާ ކަމަށެވެ.
”ގައުމީ ވިސްނުން އިސްކޮށް، ގައުމީ ބަހާތަކަށް އިހުތިރާމުކޮށް، ގައުމީ ތަރައްގީގެ އަސާސްތަކާމެދު އެއްބަސްވެ ވަޑައިގަންނަވާ ހުރިހާ ލީޑަރުންނާ ޕާޓީތަކާއެކު އެކީގައި މަސައްކަތް ކުރެއްވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން.“ މުއިއްޒު ވިދާޅުވިއެވެ.
މު ޖަލްސާގައި އޭނާ ވިދާޅުވީ ހުރިހާ ދިވެހިންނަކީ ގައުމު އިސްކޮށް މިހާރު ގައުމަށް ކުރިމަތިވެފައި އޮތް ނާމާންކަމުން ސަލާމަތްވުމަށް އެކައްޗެއް ކިޔާނެ ބައެއްކަމަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.









