Search Streamline Icon: https://streamlinehq.com

ދެވަނަ ބުރު ކާމިޔާބު ކުރުމަށް ޑރ. މުއިއްޒުގެ ކެމްޕެއިން މެކުހަށް!

Muizzu

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރެއްވުމަށް ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން މެކުހަށް ޖަހައި، ޑޯޓުޑޯ ފަށައިފިއެވެ.

މި ހަރަކާތް ފަށާފައިވަނީ މިއަދު ހަވީރުއެވެ. އަދި ”މަވެސް ޕީޕީއެމް“ ގެ ނަމުގައި މިރޭ ބާއްވާ ޖަލްސާގައި ވެސް މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ވަނީ ނިންމާފައެވެ. މި ޖަލްސާ ބޭއްވުމަށް މިހާރުނިންމާފައިވަނީ މިރޭ 8:30 ގައި ޕީޕީއެމް އޮފީހުގައެވެ.

މުއިއްޒުގެ ކެމްޕެއިން ހަރަކާތްތައް ފުޅާކޮށް، މެކުހަށް ޖަހާފައިވާއިރު، ރިޔާސީ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ އެދިވަޑައިގެންފައެވެ.

މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް 6343 ވޯޓު ލިބިވަޑައިގެންނެވިއިރު، ހަސަން ޒަމީލަށް ލިބިވަޑައިގަތީ 327 ވޯޓެވެ. އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް 86161 ވޯޓު ލިބިވަޑައިގެންނެވިއިރު، އެންމެގިނަ ވޯޓު ހޯއްދެވީ ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އަށެވެ. އޭނާއަށް 101635 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.

މީގެ އިތުރުން ޖޭޕީގެ ގާސިމް އިބްރާހިމަށް 5460 ވޯޓު ލިބިލެއްވިއިރު، އަމިއްލަގޮތުން ވާދަކުރެއްވި އެމްއާރްއެމްގެ ރައީސް، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނަށް ލިބިލެއްވީ 2979 ވޯޓެވެ. އަދި އެމްޑީޕީގެ އެތެރޭގެ ޚިޔާލުތަފާތުވުންތަކާއެކު އުފެދުނު ފިކުރެއްގެ ދިރުމުން އުފަންވި ދަ ޑިމޮކްރެޓްސް ގެ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ލިބިލެއްވީ 15839 ވޯޓެވެ.

ރިޔާސީ އިންތިިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އެމްއެންޕީގެ ކެންޑިޑޭޓް، ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމަށް ލިބިލެއްވީ 1907 ވޯޓެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *