މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ގިނަ މެމްބަރުން ބޭނުން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕިއެންސީ ގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަށް ތާއީދުކުރަން ކަމަށް ބުނެފިއެވެ.
ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންގެ އަޣުލަބިއްޔަތުން މިގޮތަށް ނިންމާފައިވީނަމަވެސް، އެމްއެންޕީ އިން ބުނީ ކޯލިޝަން ހެދުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މެމްބަރުން މިނިވަންކަމާއެކު ހިޔާލު ފާޅުކޮށް، މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ގިނަ މެމްބަރުންގެ ހިޔާލުތަކަށް ބަލާއިރު، ޕީޕީއެމް، ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް ގިނަ މެމްބަރުންނަށް ފެންނަކަމަށް ހިޔާލުފާޅުކުރި ކަމަށާއި އެހެންނަމަވެސް ކޯލިޝަން ހަދާނެ ޕާޓީއެއް ފައިނަލް ކުރާނީ އެކްޒެކެޓިވް ކޮމެޓީ މީޓިންގައި ކަަމަށް އެމްއެންޕީ އިން ބުނެއެވެ.
މި މަހުގެ 9 ވީ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު، އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް ލިބިވަޑައިގަތީ 1،907 ވޯޓެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބާ އެކު މުއިއްޒު ވަނީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއި ވާދަވެރި ޕާޓީތަކުން އޭނާގެ ކެމްޕޭނާއި ގުޅުމަށް ދައުވަތު ދެއްވާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.









