ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތް ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ 1445 ވަނަ އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބުގައެވެ.
ރައީސް ސާލިހު ވިދާޅުވީ ޤައުމެއްގެ ނިސްބަތުގައި، އެ ޤައުމަކަށް އިރު އަރައި އޮއްސޭ ކޮންމެ ދުވަހަކީ ޤައުމީ ދުވަހެއް ކަމަށާއި މިޖަޒީރާތަކުގައި މީހުން ވަޒަންވެރިވި ހިނދުން ފެށިގެން ޤައުމެއްގެ ސިފަ ޖެހިގެން ދިޔުމާ ހަމައަށް، އަދި އޭގެ ފަހުން މިއަދާ ހަމައަށް ޤައުމެއްގެ ގޮތުގައި މިރާއްޖެ ދެމިއޮތުމުގެ ސަބަބުތަކަކާއި ސިއްރުތަކެއްވާ ކަމަށެވެ.
”އެއީ، އެހެން ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވުމަށް ދިވެހިން ކަނޑައެޅި ޢަޒުމެވެ. އަދި އެ ޢަޒުމުގެ މަތީގައި ދެމިތިބުމަށްޓަކައި، ދިވެހިން ކުރި މަސައްކަތާއި ވި ޤުރުބާނީއެވެ.“ ރައީސްގެ ހިތާބުގައި ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން މިއަދު ވެސް އަޅުގަނޑުމެން ދިވެހިން މިތިބީ ހަމަ އެ ޢަޒުމާއި އެ ސާބިތުކަމުގައި ކަމަށާއި ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލުގެ މައްޗަށް އިސްކުރާނެ އެހެން މަޞްލަޙަތެއް ވެސް ނެތް ކަމަށް ވިދާޅުވިއެވެ. އަދި ބައިނަލްއަޤުވާމީ މުޖުތަމަޢުގައި އިތުބާރު ކުރެވޭ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދު ވެސް ލިޔެވިފައިވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ޤައުމެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސީ އަދި އިޤްތިޞާދީ މިނިވަންކަން ފުރިހަމައަށް ލިބިފައިވާ ފަދައިން، ދާޚިލީ އަދި ޚާރިޖީ މިނިވަންކަމުގައި ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތް ކަމަށެވެ.









