މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް އިންތިހާބުގައި ވާދަކުރައްވާ، ނާކާމިޔާބުވެވަޑައިގެންނެވި، އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
އެމްއާރްއެމްގެ ރައީސްގެ މަގާމުގައި ހުންނަވައި، އަމިއްލަގޮތުން ވާދަކުރެއްވި ފާރިސް ވިދާޅުވީ ކޯލިޝަން ހެދުމަށް ދެ ކެނޑިޑޭޓުން ވެސް ފާރިސްގެ ޓީމާއެކު މަޝްވަރާ ކުރިއަށްގެންދިޔަ ކަމަށާއި އަދި ފާރިސްގެ ފަރާތުން ދެ ކެނޑިޑޭޓުންނަށް ހުށަހެޅުންތަކެއް ވެސް ހުށަހަޅާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މަޝްވަރާ ކުރަމުން ދިޔައީ މީގެ ތެރެއިން މުހިންމު ކަންތައްތައް މި ގައުމުގެ ކަންކަން އިސްލާހުކުރުމަށްޓަކާ ކުރަންޖެހޭ ކަންތައްތައް ދެވަނ ބުރުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެނިފެސްޓޯތަކަށް އިތުރުކުރެވޭތޯ ކަމަށެވެ. އެހެންނަމަވެސް ގައުމަށް އިސްލާހުތަކެއް ގެންނަންޖެހޭއިރު، މިހާރު އުފެދި ހިނގަމުންދާ ބޮޑު ސިޔާސީ ޕާޓީއަކުން އިންތިހާބުވާ ރަޢީސަކަށް އެކަންކަން ކުރައްވަން ދަތިވާނެ ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.
މި ސަބަބަށްޓަކާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރާކަން ފާރިސް ވަނީ ހާމަކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.









