Search Streamline Icon: https://streamlinehq.com

އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމަކީ ގައުމިއްޔަތު ފޮހެލުން: މުއިއްޒު

Muizzu

އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދޭން މަސައްކަތްކުރުމަކީ އާދައިގެ ކަމެއްނޫން ކަމަށާއި އެއީ ކުޑަކުދިންގެ ހިތްތަކުން ގައުމިއްޔަތު ފޮހެލުމަށް ހިންގޭ ބޮޑު މަސައްކަތެއް ކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ލ. ގަމުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ އަޅުގަނޑުމެންގެ ގައުމީ ބަހާތައް ހިމާޔަތްކުރުން އެންމެ އިސްކަމަކަށް ހެއްދެވުމަށް އެދިވަޑައިގެންފައެވެ.

”މިއަދު މި ފެންނަނީ ތުއްތު ކުދިންގެ ހިތްތަކުގެ ތެރޭގައި ދިވެހި ބަހަށް ދޭ އިސްކަން ކުޑަކުރުމަށްޓަކައި ސިސްޓަމެޓިކަލީ ކަންކަން ރޭވެމުން ދާތަން. ނަމަވެސް އަޅުގަނޑު މިހުށައަޅަނީ ކުޑަކުދިންގެ ހިތްތަކުގައި އިސްލާމްދީނާ، ޤައުމާ، ދިވެހި ބަހާއި ތާރީޚާއި ޘަޤާފަތާއި މެދު ލޯބި ޖައްސާ ރިވެތި އާދަކާދަތައް ދަސްކޮށްދީ ގައުމީ ޢަބްޠާލުންނާއި މެދު ލޯބި އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުން.“ މާލޭ ސިޓީގެ މޭޔަރު ކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ކިތަންމެ ވަރަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގިއަސް ރައްޔިތުންގެ ހިތުގެ ތެރޭގައި ގައުމީ ލޯބި އާލާނުވާނަމަ، ދިވެހިވަންތަކަން ނެތްނަމަ އޭގެ ބޭނުމެއްނެތް ކަމަށާއި ގައުމިއްޔަތު މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ބޭނުންވަނީ އެހެންވެ ކަމަށެވެ. އަދި ގައުމިއްޔަތު ދިރުވުމުގެ ވިސްނުމާއި ގައުމިއްޔަތު ފޮހެލުމުގެ ވިސްނުމާއި ދެމެދުން ގޮތެއް އިޚްތިޔާރުކުރައްވާނީ ރައްޔިތުން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމުގެ ކަންކަން ރަނގަޅުކުރުމަށް އެމަނިކުފާނަށް ވޯޓުދެއްވުމަށް އެދިވަޑައުގެން ވިދާޅުވީ އެމަނިކުފާނަށް ދޭ ވޯޓުވާނީ އިރާދަކުރެއްވިއްޔާ ދިވެހީންގެ ރާއްޖެ ދިވެހީންނަށް ހޯދައި ދިނުމަށް ދެވޭ ވޯޓަކަށްވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *