ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާ ޔާމީން ދާދި ދެންމެ ގެއަށް ބަދަލުކުރައްވާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވީ ވަގުތީގޮތުން ކަމަށެވެ.
ޔާމީން ގެއަށް ބަދަލުކުރައްވާފައިވާއިރު، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ރައީސް ސާލިހުގެ ކިބައިން އެދިޗަޑައިގެންފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެޔަށް ބަދަލު ކުރުމަކީ ރައީސް ޞާލިހަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ކަމަށެވެ. އަދި މިވަގުތުގެ ހާލަތު އޮތް ގޮތުންނާއި އެންމެ މަސްލަހަތު ހުރި ގޮތަށް ބަލާއިރު، ރައީސް ޔާމީން ގެޔަށް ބަދަލު ކުރެއްވުމަކީ އެންމެ މަސްލަހަތު ހުރިގޮތްކަމަށެވެ.
އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދެވި އިރުވެސް މުއިއްޒު ވިދާޅުވަމުން ގެންދަވާފައިވަނީ ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެޔަށް ބަދަލު ކުރައްވާނެ ކަމަށެވެ. އަދި ވެރިކަމާއި ހަވާލުވެ ފުރަތަމަ ދުވަހަކީ ޖުޑީޝަރީގެ ނުފޫޒު ރައީސް އޮފީސް ތެރޭގައި އޮތް އޮތުން ނިމުމަކަށް ގެނެސް ރައީސް ޔަމީން ގެޔަށް ބަދަލު ކުރައްވާނެ ދުވަސް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.









