މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން މުދައްރިސުންގެ އިދާރީ އޮނިގަނޑުތައް ބައްޓަންކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި މުޖުތަމަޢުގައި މުދައްރިސުންގެ ޤަދަރާއި ޝަރަފު މަތިވެރިކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އަދި މުދައްރިސުން ތާޒާ ކުރައްވާނެ ކަމަށާއި މުދައްރިސުންގެ ދުޅަހެޔޮކަމަށް ކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކާމިޔާބީގެ އައްސޭރިއަށް ޤައުމަކަށް ވާޞިލުވެވޭނީ ހަރުދަނާ އަޚްލާގާއި، ތަނަވަސް އިލްމާއި، ކުޅަދާނަ ހުނަރުވެރިކަމުގެ މައްޗަށް ތަޢުލީމީ ނިޒާމު ބިނާވެގެން ކަމަށެވެ. އަދި މުދައްރިސުންނަކީ އަންނަހައި ޖީލުތައް ހެޔޮ މިސްރާބަށް ގެންދިޔުމުގެ އުނދަގޫ ދަތުރާ ހަވާލުވެގެންވާ ސަވާރީތަކެއް ކަމަށެވެ.
އިންތިހާބީ ރައީސް ވިދާޅުވީ އެއީ ޤައުމުން އަނދިރިކަން ނައްތާލާ ބައްތިތަކެއް ކަމަށާއި ކަތިކަން ނައްތާލާ ރަހަފަތިތަކެއް ކަމަށެވެ.
ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ތަޢުލީމީ ހުރިހާ މަރުޙަލާއެއްގައި މިއަގުހުރި ޚިދުމަތް އަދާކުރައްވާ ހުރިހާ ފަރާތްތަކަށްވަނީ މަރުހަބާ ވިދާޅުވެފައެވެ.









