ވ. އަތޮޅާއި ބ. އަތޮޅުން ތިމާވެށީގެ ގޮތުން ފާހަގަ ކުރެވޭ 12 ސަރަޙައްދެއް ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކުގައެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ހުށަހެޅުއްވި ކަރުދާހަށް މެންބަރުން މަޝްވަރާކުރެއްވުމަށްފަހުއެވެ.
ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު ގެ ދަށުން ޙިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކުގެ ގޮތުގައި ހަމަޖެއްސެވުމަށް ނިންމެވި 12 ސަރަޙައްދަކީ ވ. ކަވަރުފަޅު ސަރަޙައްދާއި، ފޮއްތެޔޮ ސަރަޙައްދާއި، ހިނގާކުޅީ ފިނޮޅު ސަރަޙައްދާއި، ތުޑުހުރާއާއި، ރުއްހުރި ހުރާއާއި، ރަކީދޫ ކޯނަރ އާއި، ފުށިފަރު ފަރުގެ ސަރަޙައްދާއި، ހުރާ ފަޅެވެ.
މީގެ އިތުރުން ބ. އަތޮޅުން ދަރަވަންދޫ ތިލަ ސަރަޙައްދާއި، ނެލިވަރު ސަރަޙައްދާއި، އިންނަފުށި ސަރަޙައްދު ވެސް ވަނީ ހިމަނާފައެވެ.
މިއީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަސްލުން މުއްސަނދިވެފައިވާ ޤުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ޚާއްޞަ ޚިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަޙައްދުތަކެކެވެ.
މި ސަރަޙައްދުތައް ޙިމާޔަތް ކުރުމާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކާއި އިދާރާތަކާ މަޝްވަރާކުރެވިފައިވެއެވެ.
މި ތަންތަން ޙިމާޔަތް ކުރުމަށް ނިންމަވާފައިވަނީ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023 ގެ ދަށުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ %10 ސަރަހައްދާއި، ކުޅި، ފާ، ޗަސްބިމުގެ %20 ޙިމާޔަތްކުރުމާއި، ޤާނޫނު ނަންބަރު 93/4 (ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި، 1 ފިނޮޅާއި، 1 ފަރާއި، 1 ކަނޑޫފާ ޗަސްބިން ޙިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންނެވެ.









