Search Streamline Icon: https://streamlinehq.com

ޕީއެންސީގެ ސަރުކާރެއްގައި ސިޔާސީ ވަޒީފާ 700 އަށްވުރެ އިތުރުނުކުރަން ނިންމައިފި

Muizzu

ޕީއެންސީ، ޕީޕީއެމް ކޯލިޝަންގެ ސަރުކާރެއްގައި ސިޔާސީ ވަޒީފާ 700 އަށްވުރެ އިތުރުނުކުރަން ނިންމައިފިއެވެ.

އެކަން ހާމަކުރެއްވީ އިންތިގާލީ ސްޕޯކްސް ޕާސަން މުޙައްމަދު ފިރުޒުލް އެވެ.

ނޫސްވެެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މުއިއްޒު ވަނީ އަލަށް އުފެދޭ ސަރުކާރުގެ ސިޔާސި މަޤާމުތައް 700 ގައި ހިފެހެއްޓެވުން ކަމަށެވެ.

މިއީ މިހާރު އޮތް ސަރުކާރުގެ 1،063 ސިޔާސީ މަޤާމަށްވުރެ މާބޮޑު ތަނުން ވެސް މަދު އަދަދެއްކަން ފާހަގަ ކުރައްވާ އޭނާ ވަނީ މިއީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ސިޔާސީ މަޤާމުތައް ކަމަށްވާ 8004 ސިޔާސީ މަޤާމަށްވުރެ ވެސް މަދު އަދަދެއް ކަމަށެވެ.

ފިރުޒުލް ވިދާޅުވީ މުއިއްޒު ނިންމަވާފައިވަނީ މަތިބަރު ސަރުކާރަކަށް އެމަނިކުފާނުގެ ސަރުކާރު ނުވުން ކަމަށާއި އެމަނިކުފާނުގެ 700 ސިޔާސީ މަޤާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ގެކޮޅާއި، ނައިބް ރައީސްގެ ގެކޮޅާއި، ވަޒީރުންނާއި ކުންފުނިތައް ހިމެނޭހެން އެތަންތަނަށް އައްޔަން ކުރާ ސިޔާސީ ބޭފުޅުންގެ އަދަދު ކަމަށެވެ.

ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އައިއިރު، ހަތަރު ސަރުކާރެއް ދިވެހިން ތަޖުރިބާ ކުރިއެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރެވެ.

އަބަދުވެސް އޭރަކު އިދިކޮޅުގައި އޮންނަ ސިޔާސީ އެންމެ ބޮޑު ޕާޓީއެއްގެ އެއް ޝަކުވާއަކަށް ވެފައި އޮންނަނީ ސަރުކާރުގައި ސިޔާސީ މަގާމުތައް ގިނަވުމުގެ ޝަކުވާއެވެ. ވުޒާރާތަކާއި ކުންފުނިތަކުގައި ބޭކާރު މަގާމުތައް އުފައްދައި، އެ މަގާމުތަކަށް އެކިއެކި ބޭފުޅުން އައްޔަން ކުރާ ވާހަކައަކީ އަބަދު ދެކެވޭ ވާހަކައެކެވެ. އޭރެއްގައި އޮންނަ އިދިކޮޅު ޕާޓީއަކުން އެ ސަރުކާރުތަކަށް ދިން ލަގަބަކީ ”މަތިބަރު“ ސަރުކާރެއްގެ ލަގަބެވެ!

ނަމަވެސް މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރަކީ މަތިބަރު ސަރުކާރަކަށް ނުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *