Search Streamline Icon: https://streamlinehq.com

ގައުމުގެ އިސްތިގުލާލާއި ފަޚުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށް ޕީއެންސީގެ ސަރުކާރުވާނެ: ޑރ. މުއިއްޒު

Muizzu

މި ޤައުމުގެ އިސްތިޤްލާލާއި ފަޚުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށް ޕީއެންސީ، ޕީޕީއެމް އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުޚާރު ވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ވިދާޅުވީ ޕީއެންސީގެ ސަރުކާރަކީ ދިވެހީންގެ ރީތި އުޅުމާއި ގުޅުމާއި ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަޤްވާމީ މަސްރަޙުގައި އުފުލައިދޭނެ ސަރުކާރަކަށް ވެސް ވާނެ ކަމަށެވެ.

މީގެ އިތުރުން އިސްލާމްދީން މަތީ ދިވެހީން ފައިތިލަ ސާބިތުކުރިތާ ހިޖުރީ ގޮތުން 9 ޤަރުނު ފުރިހަމަވާން ބާކީ އޮތީ 3 އަހަރުކަމަށް ވާއިރު، މި ޤައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީޚީ ހާދިސާއަކީ ރާއްޖެ އިސްލާމްވުން ކަމަށާއި ދިވެހީންގެ މިނިވަންކަމާއި ރިވެތި އާދަކާދަތަކާއި މުއްސަނދި ޘަޤާފަތާއި އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީ ވެސް މާތްވެގެންވާ އިސްލާމްދީން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ވޭތުވެ މިދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބި ކަމީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށާއި މިއަދުގެ ދުނިޔޭގައި، ފިކުރީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި އަދި އިސްތިރާތީޖީ ގޮތުންވެސް ތަފާތު އެކި ގޮންޖެހުންތައް އަޅުގަނޑުމެންގެ ކުރިމަތީގައި އެބަހުރި ކަމަށެވެ.

މިއިން ކޮންމެ ގޮންޖެހުމަކާވެސް ދިވެހި ޤައުމު އިސްކޮށްގެން، ދިވެހީންގެ މަޞްލަޙަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ދިވެހި ރައްޔިތުން އެދޭ ގޮތް ކަމަށް ވެސް އިންތިހާބީ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިރާދަކުރެއްވިއްޔާ، 17 ނޮވެމްބަރު 2023 ގައި ޤާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *