ކްލައިމެޓް ޗޭންޖް ކޮންފަރެންްސް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމަށް ވަޑައިގަތުމަށް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ 52 ވަނަ ޔޫނިއަން ޑޭ ގެ މުނާސަބަތުގައި ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވި ގޮތުގައި މިއަހަރުގެ ކޮޕް ބައްދަލުވުމަކީ ޚާއްޞަކޮށް ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މުހިންމު ބައްދަލުވުމެއް ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ’ލޮސް އެންޑް ޑެމޭޖް ފަންޑު‘ ބޭނުންކުރެވޭނެ ގޮތްތައް ފަހިކޮށް، ފުރަތަމަ ފަހަރަށް ނެގޭ ’ގްލޯބަލް ސްޓޮކް ޓޭކް‘ ގައި ރަނގަޅު ނަތީޖާތަކެއް ހާސިލްކުރެވޭނެކަން ޔަގީންކުރަންޖެހޭ ކަމުގަ އެވެ. އަދި ދުނިޔޭގެ ވެށި ރައްކާތެރިކޮށް ސަލާމަތްކުރުމަށް އެންމެން އެއްބައިވަންތަ ކުރުވަން މަސައްކަތްކުރަންޖެހޭ ކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވިދާޅުވީ ކޮޕް-28 ގެ ކާމިޔާބީ ކަށަވަރުކުރުމަށް ރާއްޖެއިން ޔޫއޭއީ އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގަ އެވެ. އަދި ޔޫއޭއީ ގެ ރިޔާސަތުގައި ހަރުދަނާ ނަތީޖާތަކެއް ނެރެދޭކަމަށް ޤަބޫލުފުޅުކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.
މި ހިނގާ ނޮވެމްބަރ މަހުގެ 30 އިން އަންނަ ޑިސެމްބަރ މަހުގެ 12 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކްލައިމެޓް ޗޭންޖް ކޮންފަރެންްސް އޮންނާނީ ދުބާއީގަ އެވެ.









