Search Streamline Icon: https://streamlinehq.com

އިޓާލިއަން ސެރިއޭ: މޮންޒާ ބަލިކޮށް، ތާވަލްގެ އެއްވަނައަށް ޔުވެންޓަސް އިން ޖެހިލައިފި

3836031 77953548 2560

އިޓާލިއަން ލީގުގައި ރޭ މޮންޒާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޔުވެންޓަސް ލީގު ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

 ރޭ މޮންޒާގެ ދަނޑުގައި ކުޅުނު މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއިންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 11 ވަނަ މިނެޓުގައި ޔުވެންޓަސްގެ ޑޫސަން ވްލަހޮވިޗް ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އޭގެ ފަހުން 12 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ނަގައިދިނީ އެޑްރިއަން ރާބިއޮޓް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި މޮންޒާ އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. ޕެޑްރޯ ޕްރެއިރާ ތަނަވަސްކޮށްދިން ފުރުސަތެއްގައި، އެންޑްރިއާ ކާބޮނީ ލަނޑު ޖެހި އެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ޔުވެންޓަސްގެ ފެޑެރިކޯ ގަޓީ ވަނީ ލަނޑު ޖަހައި އެ ޓީމު މޮޅު ކޮށްދީފަ އެވެ. އޭނާއަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރާބިއޮޓް އެވެ.

މި މޮޅާއެކު ޔުވެންޓަސް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 14 މެޗުން 33 ޕޮއިންޓާއެކު އެވެ. ޔުވެންޓަސް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ލިބެނީ 32 ޕޮއިންޓެވެ. ޔުވެންޓަސް އަތުން ބަލިވި މޮންޒާ އޮތީ 14 މެޗުން 18 ޕޮއިންޓާއެކު 10 ވަނައިގަ އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *